- ގޮވާލީ އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓަށް އެދި ފޯމު ލާފައިވާ މީހުންގެ ފޯމުތައް ބަލައި ގޯއްޗާއި ފްލެޓް ދޭން
- އުތުރު ތިލަފަޅަކީ ބޯހިޔާވަހި ކަމަށް ޚާއްސަ ތަނަކަށް ހަދަން ގޮވާލި
- ގޯއްޗާއި ފްލެޓް ކަށަވަރުކޮށްދޭން ސަރުކާރާއެކު އެ ޖަމްއިއްޔާއިން މަޝްވަރާ ކުރާނެ ކަމަށް ބުނި
އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓ ދޭން ނިންމައި، ގޯއްޗަށް އެދި ކުރީ ސަރުކާރުން ހުޅުވާލުމުން، ފޯމު ލާފައިވާ މީހުންގެ ފޯމުތައް ބަލައި، ގޯތި ދިނުމުގެ މަސައްކަތް ފަށަން "އުތުރު ތިލަފަޅު ޔޫނިއަން" ގެ ފަރާތުން މިއަދު ގޮވާލައިފިއެވެ.
އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓް ދޭން ނިންމައި ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުގެ ސަރުކާރުން އިއުލާނު ކުރީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ތެރޭގައެވެ. އެފަހަރު ގޯއްޗާއި ފްލެޓަށް އެދި 19 ހާހެއްހާ މީހުން ފޯމު ލާފައިވެއެވެ. އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓަށް ހުޅުވާލީ މާލޭގައި 20 އަހަރަށްވުރެގިނަ ދުވަހު ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށެވެ.
"އުތުރު ތިލަފަޅު ޔޫނިއަން" ގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމްއިއްޔާގެ އިސް ބޭފުޅެއް ކަމަށްވާ ކުރީގެ މަޖިލިސް މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ، ކުރީގެ ސަރުކާރުން އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓް ދޭން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ. ޚާއްސަކޮށް ހުޅުމާލޭ ތިންވަނަ ފޭހާއި ގިރާވަރު ފަޅާއި ހުޅުމާލެއިން މާލޭ ރައްވެހިންނާއި ދަފްތަރު ރައްވެހިންނަށް ގޯއްޗާއި ފްލެޓް ދިނުމަށް ހުޅުވާލުމަށްފަހު، އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓް ދޭން ރާއްޖޭގެ އެކި ރަށްރަށުން މާލެއަށް ހިޖުރަކޮށް 20 އަހަރު މެދުނުކެނޑި މާލޭގައި ދިރިއުޅޭ މީހުންނަށް ފުރުޞަތު ހުޅުވާލުމަކީ ކުރިންވެސް ވަކާލާތު ކުރި ގޮތް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ ސަރުކާރަށް އެ ޔޫނިއަންގެ ފަރާތުން ގޮވާލަނީ ކުރީގެ ސަރުކާރުން ހުޅުވާލި ފުރުޞަތުގައި އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓަށް އެދި 19 ހާހެއްހާ މީހުން ލާފައިވާ ފޯމުތައް ބަލައި، އެ ފަރާތްތަކަށް ގޯއްޗާއި ފްލެޓް އުތުރު ތިލަފަޅުން ދިނުމަށެވެ. އަދި މި ސަރުކާރުން އުތުރު ތިލަފަޅުގައި ހިންގަން ނިންމާފައިވާ އެހެނިހެން މަޝްރޫއުތައް ހުއްޓާލައި އެއީ ހަމައެކަނި ބޯހިޔާވަހި ކަމަށް ޚާއްސަ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށެވެ.
އަލީ ހުސައިން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޑރ. މުޙަންމަދު މުއިއްޒުވެސް ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުން ރައްޔިތަކަށް ދީފައިވާ އުންމީދެއް މި ސަރުކާރުން ނުހުއްޓުވާނެ ކަމަށެވެ. އަދި ފޯމު ލާފައިވާ އެއްވެސް މީހެއްގެ ފޯމު ބާތިލުވެސް ނުކޮށް، އަދި އަލުން ފޯމުލާންވެސް ނުޖެހޭނެ ކަމަށެވެ. އެހެންކަމުން ކުރީގެ ސަރުކާރުން ނިންމި ގޮތަށް އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓަށް އެދި ފޯމުލީ މީހުންގެ ފޯމުތައް ވީހާވެސް އަވަހަށް ބަލައި އެ ފަރާތްތަކަށް ގޯއްޗާއި ފްލެޓް ދިނުމަށް އޭނާ ތަކުރާރުކޮށް ގޮވާލެއްވިއެވެ.
އަލީ ހުސައިން ވިދާޅުވީ، އެ ޖަމްއިއްޔާއަކީ އުތުރު ތިލަފަޅަށް ޚާއްސަ ޖަމްއިއްޔާއެއް ކަމަށާއި، އެ ކަމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކުވެސް އެ ޖަމްއިއްޔާއިން ވާހަކަ ދައްކާނެ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމްއިއްޔާ ހިންގުމުގައި އިސްކޮށް އުޅޭ އެހެން ބޭފުޅުންވެސް ބައިވެރިވިއެވެ.