އެމްޑީޕީއަކީ ވާދަކުރަން ޖާގަދޭ ޕާޓީއެއް، މި ޕާޓީގައި ރޫޙާނީ ލީޑަރެއް ނުހުންނާނެ: ޝާހިދު

އެމްޑީޕީއަކީ ވާދަކުރަން ޖާގަދޭ ޕާޓީއެއް، މި ޕާޓީގައި ރޫޙާނީ ލީޑަރެއް ނުހުންނާނެ: ޝާހިދު

  • ފެކްޝަން އޮތްކަމަށް ކިޔަނީ އެމްޑީޕީގެ ފިކުރު ހަރުދަނާކޮށް ހިނގާތަންފެނި "ގުޑުގުޑު އަޅާ މީހުން"
  • އަޅުގަނޑުގެ މިއަދުގެ ފޯކަސް މިއޮތީ 2026 ގެ ލޯކަލްކައުންސިލް އިންތިޚާބަށް
  • ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއްނުކޮށް ފިލާ ނުހުންނަވާނެ ކަމަށް ވިދާޅުވި

 

އެމްޑީޕީއަކީ ޚިޔާލުތަފާތުވުމަށް ޖާގަދޭ، އަދި ޕާޓީގެ މަގާމުތަކަށް ކޮންމެ މީހަކަށްވެސް ވާދަކުރަން ޖާގަދޭ ޕާޓީއެއް ކަމަށާއި، އެމްޑީޕީއަކީ ރޫޙާނީ ލީޑަރެއް ހުރެގެން އެބޭފުޅަކު އަންގަވާ ގޮތަކަށް ކަންކަން ހިނގާ ޕާޓީއެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދު ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، ޕާޓީގެ އެތެރޭގެ މަގާމުތަކަށް ވަކި މީހަކަށް ޖާގަ ނުދޭ ގޮތަކަށް އެމްޑީޕީގައި ނޯންނާނެ ކަމަށެވެ. އަދި އެމްޑީޕީ އާއި އެހެން ޕާޓީތަކުގެ ތަފާތަކީވެސް އެއީ ކަމަށް ވިދާޅުވިއެވެ.

"އެމްޑީޕީއަކީ ވާދަކުރަން ޖާގަދޭ ޕާޓީއެއް. ވާދަކުރަން ޖާގަނުދޭ ގޮތަކަށް އެމްޑީޕީއެއް ނޯންނާނެ. އެތަން މިފެންނަނީ. އެމްޑީޕީ އާއި އެހެން ޕާޓީތަކާ ހުރި އެންމެ ބޮޑު ތަފާތަކީ ޚިޔާލު ތަފާތުވުމަށް ޖާގަ ދޭކަން. އަޅުގަނޑުމެންނަކީ ކޮމިއުނިސްޓް ޕާޓީއެއްނޫން. އަޅުގަނޑުމެންގެ ޕާޓީގައި ނުހުންނާނެ ރޫޙާނީ ލީޑަރެއް. ހުރެގެން އެ އަންގަވާ ގޮތަކަށް ކަންކަން ބައްޓަން ކުރުމެއްނޫން އޮންނާނީކީ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ޕާޓީގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު އެކުވެ، ވާހަކަ ދައްކައިގެން އެމްޑީޕީން ހައްލުހޯދާނެއެވެ.

"ހައްލު ހޯދޭނެ އުސޫލުތައް އަޅުގަނޑުމެންގެ އަސާސީ ގަވައިދުގެ ތެރޭގައިވޭ. އޭގެތެރެއިން އެއްކަމެއް ރިޔާސީ ކެންޑިޑޭޓް ކަމަށްވިޔަސް، އަދި ޕާޓީގެ އެހެނިހެން މަގާމުތަކަށް ވިޔަސް، ވާދަކޮށްގެން ޕްރައިމަރީ އުސޫލެއްގެ ތެރެއިން އެކަން ފަހި ކުރަމުން ގެންދިއުން. އެއީ އެކަން ހިނގާނެ ގޮތް." ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި "ފެކްޝަން" އުފެދިފައިވާ ކަމަށްބުނެ، ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، އެކަހަލަ ވާހަކަ ދައްކަނީ އެމްޑީޕީގެ ފިކުރު ހަރުދަނާކޮށް ހިނގާތަން ފެނި "ގުޑުގުޑުއަޅާ" އަޅާ މީހުން ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ހަމަ ވާހަކަތަކުގެ ތެރެއިން ފެކްޝަނާ މި ވާހަކަ ގެންނަ ފަރާތްތަކަކަށް މިވަނީ އެމްޑީޕީގެ ފިކުރުތައް ހަރުދަނާކޮށް ހިނގާތަން ފެނުނީމަ ގުޑުގުޑުއަޅާ ފަރާތްތައްހެން. ހެދޭކުރިއަކުން ކުރިތައް ފަޅައިގެންދާނެ. އެއީ އެމްޑީޕީ ދައްކައިދިން އެއްޗަކީ. ވިހި ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެމްޑީޕީއަކީ ހެދޭކުރިއަކަށް ވާކަން. " ޝާހިދު ވިދާޅުވިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެމްޑީޕީ

ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ވަރަށްގިނަ ލީޑަރުން އެބަތިބި ކަމަށާއި، އެ ޕާޓީ ވަރުގަދަ ވަނީވެސް އެ ސަބަބާލައިގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ބައިވަރު ލީޑަރުން އެބަތިބި. އެ ހުރިހާ ލީޑަރުންނާއެކީގައި އެމްޑީޕީ ވަރުގަދަ ވަނީ. އެ ލީޑަރުން ފެނުނީމަ އެމްޑީޕީއާ ދޭތެރޭގައި ރައްޔިތުންގެ އުންމީދު އިތުރު ވަނީ" ޝާހިދު ވިދާޅުވިއެވެ.

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކު އެމްޑީޕީން ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެތޯ ނޫސްވެރިޔަކު ސުވާލު ދެންނެވުމުން ޝާހިދު ވިދާޅުވީ، މިވަގުތު އެމަނިކުފާނުގެ އަމާޒަކީ 2026 ވަނަ އަހަރު އޮންނަ ލޯކަލްކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުން ކަމަށެވެ. ޕްރައިމަރީގެ ކަންކަމަކީ ޕްރައިމަރީއަށް ޕާޓީން އިއުލާނު ކުރާ ހިސާބުން ކުރިއަށްދާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުގެ މިއަދުގެ ފޯކަސް މިއޮތީ 2026 ގެ ލޯކަލްކައުންސިލް އިންތިޚާބަށް" ޝާހިދު ވިދާޅުވިއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނުރަސްމީ ސިފައެއްގައި ޝާހިދު މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށް ނޫސްވެރިޔަކު ދެއްކި ވާހަކައާއި ގުޅިގެން ޝާހިދު ވިދާޅުވީ، ޕާޓީގައި މިވަގުތު ހުންނެވި މަގާމުގެ ހައިސިއްޔަތުން ޕާޓީން މަތިކޮށްފައިވާ މަސައްކަތް އަބަދުވެސް ކުރައްވާނެ ކަަމަށެވެ. އެގޮތުން މިހާރު އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކަކީވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ މަސައްކަތެއްގެ ގޮތުގައި ކުރައްވާ ކަމެއްކަން ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ނުރަސްމީ ސިފައެއްގައި ކެމްޕޭން ކުރައްވާ ވާހަކަ ތިޔަ ވިދާޅުވީ، އަތޮޅު ތަކަށް ކުރާ ދަތުރުތަކަށް ކަމަށް ވަންޏާ، އެމްޑީޕީގެ ރައީސެއްގެ ހައިސިއްޔަތުން އަޅުގަނޑުވެސް އަދި ޗެއާޕާސަންވެސް އަދި ޕާޓީގެ އެހެން ބޭފުޅުންވެސް ދަތުރު ކުރައްވާނެ. އަޅުގަނޑުމެން ގަސްދެއް ނުކުރަން، ޗެއާޕާސަންވެސް އަޅުގަނޑެއްވެސް ގަސްދެއް ނުކުރަން އަޅުގަނޑުމެން ޕާޓީގެ ކުރިމަގުގާހުރި ބަޔެއް އިންތިޚާބުތަކުގެ ޝައުގުވެރިކަން ހުރެދާނެކަމަށްވާތީ، ޕާޓީގައި އަޅުގަނޑުމެން މިއަދު މިތިބަ މަގާމުގެ ގޮތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކޮށް ފިލާތިބޭކަށް. އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން ގެންދާނަން." ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީން މިހާރު ތައްޔާރު ވަމުން އަންނަނީ އެ ޕާޓީއަށް 20 އަހަރު ފުރުމާއި ގުޅިގެން އެ ދުވަސް ފާހަގަ ކުރާށެވެ. އެގޮތުން އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރަން ހަމަޖެހިފައިވާ ކަންކަންވެސް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ނޫސްވެރިންނާ ހިއްސާ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ތިޔަހެން ވިއްޔާ ތިޔާ ރޫޅާލީ، ރޫޅާލާ ކަލޭގެއަކަށް ކެތެއް ނުވާނެ. ރާއްޖޭގެ ތާރީހް ލިޔާނެ އެކަން އެގޮތަށް.

Leave a Reply

Your email address will not be published. Required fields are marked *