ފުވައްމުލަކުގެ އުންމީދަކީ އަދިވެސް އެމްޑީޕީ: ޝާހިދު

ފުވައްމުލަކުގެ އުންމީދަކީ އަދިވެސް އެމްޑީޕީ: ޝާހިދު

ފުވައްމުލަކުގެ އުންމީދަކީ އަދިވެސް އެމްޑީޕީ ކަމުގައި، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބަށް ތައްޔާރުވުމާއި، ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް ފުވައްމުލަކު އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް، އެރަށް ޝާހިދު ވަޑައިގެން "ދޮރުން ދޮރަށް" ހިންގެވުމަށްފަހު ސޯޝަލް މީޑިޔާގައި ވިދާޅުވީ، ފުވައްމުލަކު ގެތަކަށް ޒިޔާރަތްކޮށް، އާންމުންނާ ވާހަކަ ދައްކާލެއްވުމުން އެނގުނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ވާނެކަން ކަމަށެވެ.

ޝާހިދު ވިދާޅުވީ، ފުވައްމުލަކު ރައްޔިތުން ތިބީ މިހާރުގެ ސަރުކާރާމެދު ނުހުރުހިފައި ކަމަށެވެ. ފުވައްމުލަކުގައި ކުރީގެ ސަރުކާރުން ފެށި މަޝްރޫއުތައްވެސް މިހާރު ހުއްޓިފައިވާކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާތީ އެ ރަށުގައި އެމްޑީޕީގެ ސަރުކާރުން ފެށި މަޝްރޫއުވެސް މުޅިން ހުއްޓިފައިވާ ކަމަށެވެ. ޝާހިދު ވިދާޅުވީ، އެ މަޝްރޫއުގެ ބޮޑުބަޔެއް ނިމިފައިވާ ކަމަށާއި، ނަމަވެސް އެކަން މިހާރު ހުއްޓިފައިވަނީ މަޝްރޫއަށް ބޭނުންވާ ފައިސާގެ ތެރެއިން ވަރަށް ކުޑަމިންވަރެއް ނުލިބިގެން ކަމަށެވެ.

"މިއަދު އެމަސައްކަތް ހުއްޓިފައި އޮތީ މަދު ފައިސާކޮޅެއް ހަމަނުޖެހިގެން، ސަރުކާރުގެ އިހުމާލުން. އެންމެ ވުޒާރާއެއްގެ ސިޔާސީ މަގާމުތަކުގެ އަދަދު ކުޑަކޮށް މަދުކޮށްލައިގެންވެސް އެފައިސާ ހަމަޖެއްސެން އޮވެމެ، މަޖިލީހުގެ 3 ގޮނޑިވެސް ފުވައްމުލަކުން ސަރުކާރު ހިންގާ ޕާޓީއަށް ދިނުމުންވެސް، ސަރުކާރުން ޚިޔާރު ކުޅައީ ފުވައްމުލަކު ރައްޔިތުންގެ ތަރައްގީ މަޑުޖައްސާލަން. މިސަރުކާރަށް ފުވައްމުލަކުން ނޫނެނޭ ބުނަނީ މިސަބަބަށްޓަކައި." ރަށްގިރާ ސަރަހްދަށް ވަޑައިގަތުމަށްފަހު ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ފުވައްމުލަކުން ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދީ، ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލަން ސަރުކާރަށް ފުރުޞަތު ނުދޭނެ ކަަމަށެވެ.

"އެނިޒާމު ދަމަހައްޓަން ކުރަންޖެހޭ މަސައްކަތްތައް ކުރަން މިޕާޓީގެ މެމްބަރުން ތިބީ ތައްޔާރަށް. ފުވައްމުލަކުގެ ކަންކަން ނިންމާނީ ފުވައްމުލަކުން، މާލޭ ފިނިކޮޓަރިން ކަންކަން ނިންމައި ބަސްބުނުމުގެ ދުވަސްތައް އިއާދަވާން ފުރުސަތެއް ނެތް." ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރެއްވުމަށްފަހު ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *