ކައުންސިލަރުން މަދުކުރަން އުޅެނީ ޚަރަދު ކުޑަކުރާކަށް ނޫން. އެ އަދަދަށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންލާނެ: ޝާހިދު

ކައުންސިލަރުން މަދުކުރަން އުޅެނީ ޚަރަދު ކުޑަކުރާކަށް ނޫން. އެ އަދަދަށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންލާނެ: ޝާހިދު

ކައުންސިލްތައް ކުޑަކޮށް، އިންތިޚާބުކުރާ ފުލްޓައިމް ކައުންސިލަރުންގެ އަދަދު މަދުކުރަން ސަރުކާރުން އުޅެނީ ދައުލަތުގެ ޚަރަދު ކުޑަކުރަން ނޫން ކަމަށާއި، ކައުންސިލަރުން މަދުވާ އަދަދަށް ސްޓޭޓް މިނިސްޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުކަން މީހުންނަށް ދޭނެކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެެވެ.

ޝާހިދު އިސްކޮށް ހުންނަވައި އެމްޑީޕީގެ ފަރާތުން މިރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ކައުންސިލްތައް ކުޑަކުރުމުގައި ޚަރަދު ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ.

ޝާހިދު ވިދާޅުވީ ކައުންސިލްތަކުގެ އަގު ވައްޓާލަން ކުރާ މަސައްކަތުގައި އެންމެ ކުރީގައި ހުންނެވީ އެންމެ އިސްވެރިޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްތަކުގެ އަގު ވައްޓާލަން ރައީސް ނުކުމެވަޑައިގަތީ ސަރުކާރުން ގޮތް ހުސްވެގެން ކަމަށެވެ.

"ލޯކަލް ކައުންސިލް އިންތިޚާބުން ބަލިވާނެކަން އެނގޭތީ ސަރުކާރުން އެކުރާ ކަމަކީ ކައުންސިލް ތަކުގެ އަގު ވައްޓާލުމާއި، ކައުންސިލްތަކުގެ ބާރުތައް ހަނިކުރުން. ކައުންސިލްތަކުގެ އަގު ވައްޓާލަން ސަރުކާރުގެ އެންމެ އިސްވެރިޔާ ނިކުމެ އެ ހުންނެވީ ގޮތް ހުސްވީމާ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މި ސަރުކާރު ބަލިކުރަންޖެހޭ ކަމަށާއި، ސަރުކާރު ބަދަލުކުރަން ގެންނަންޖެހޭ ކޮންމެ ފޯމިއުލާއަކަށް ތައްޔާރަށް ތިބެންޖެހޭ ކަމަށެވެ.

"މި އަނިޔާވެރި ސަރުކާރު ބަލިކޮށްލެވޭނެ ކޮންމެ ފޯމިއުލާއަކަށް އަޅުގަނޑުމެން އެންމެން ތިބެންވާނީ ތައްޔާރަށް. އަމާޒު ހުންނަން ވާނީ މުސްތަޤްބަލަށް" ޝާހިދު ވިދާޅުވިއެވެ.

ފުވައްމުލަކު ދޫޑިގަން އަވަށުގައި އޮތް މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި އެ ރަށުން ދިމާވާ ޕީއެންސީގެ ކޮންމެ މީހަކުވެސް ބުނަމުން ދަނީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަކީ އެމީހުންނަށް ހެދުނު ގޯހެއް ކަމަށެވެ.

މިރަށުން އެބަ ބައްދަލު ކުރައްވާ ޕީ.އެން.ސީ ގެ ބޭބޭފުޅުން. އެބަ ވިދާޅުވޭ ހެދިފައި އޮތީ ބޮޑު ގޯހެކޭ. މުޢިއްޒު އިންތިޚާބު ކުރެވުމަކީ ހެދުނު ގޯހެކޭ. ދެން ވޯޓު ދެއްވާއިރު އެކަމަށް ސަމާލުވުމަށް އެބޭފުޅުންނަށް އެބަ ދަންނަވަން"  ޝާހިދު ވިދާޅުވިއެވެ.

މިރޭ ފުވައްމުލަކުގައި އޮތް އެމްޑީޕީގެ ޖަލްސާގައި ޝާހިދުގެ އިތުރުން، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުންނާއި، ފުވައްމުލަކުގައި ހަރަކާތްތެރިވާ އެމްޑީޕީގެ އިސްފަރާތްތަކާއި އާންމު މެމްބަރުންވެސް ބައިވެރިވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *