އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާއި ވިދިގެން ރައްދުގައި އީރާނުންވެސް އިޒްރޭލަށް ހަމަލާ ދެމުންދާއިރު، އިޒްރޭލްގެ ހަމަލާއަށް އީރާނުން ވަރުގަދަ ޖަވާބެއް ދޭނެކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން، އެ ގައުމުގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންފިއެވެ.
ގަައުމާ މުޚާތަބު ކުރައްވައި ރައީސް މަސްއޫދު ވިދާޅުވީ އީރާނުން ހިމޭނުން ނޯންނާނެ ކަމަށެވެ. އަދި ހަނގުރާމައިގެ މި ނާޒުކު ވަގުތު އީރާންގެ ރައްޔިތުންގެ ކިބައިން ރައީސް މަސްއޫދު އެދިވަޑައިގަތީ ހުރިހާ ރައްޔިތުން ސަރުކާރާއެކު އެއްބައިވަންތަވެ ތިބުމަށެވެ. ސަރުކާރަށް ތާއީދު ކުރުމުގައި ހުރިހާ ރައްޔިތުން ދެގޮތެއްނުވެ އެކުގައި ތިބުމަށެވެ.
އީރާންގެ ރައީސް ވިދާޅުވީ، އިޒްރޭލުން އީރާނަށް ހަމަލާ ދިނުމަކީ ކުރި މޮޔަ ކަމެއް ކަމަށާއި، އެކަމުގެ ހިތާމަ އިޒްރޭލުން އަބަދުވެސް ކުރަންޖެހޭ ވަރުގެ ރައްދެއް އީރާނުން ދޭނެ ކަމަށެވެ.
ދެ ގައުމުގެ މެދުގައި ހޫނުވެފައިވާ ހަނގުރާމައިގައި ދެފަރާތުންވެސް ދަނީ ބަހުގެ ހޫނު ހަމަލާތަކާއި އިންޒާރުތައްވެސް ދެމުންނެވެ. އިޒްރޭލުން ފުރަތަމަ ހަމަލާދިނީ އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށެވެ. ރައްދުގައި އީރާނުން ދޭންފެށި ހަމަލާތައް އިޒްރޭލްގެ ތެލްއަވީވާ ހަމައަށް ވަނީ ފޯރާފައެވެ. އަދި އިޒްރޭލްގެ 8 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވެއެވެ.