ފެނުނީ ޝައިޚް ފަރީދަށް އޮތް ލޯބި، މިސްކިތް އަޅަން ބޭނުންވި 7 ލައްކަ ރުފިޔާ ހަމަވެއްޖެ

ފެނުނީ ޝައިޚް ފަރީދަށް އޮތް ލޯބި، މިސްކިތް އަޅަން ބޭނުންވި 7 ލައްކަ ރުފިޔާ ހަމަވެއްޖެ

ރާއްޖޭގެ އެތައް ބަޔެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝައިޚް އިބްރާހީމް ފަރީދު އަވަހާރަވުމާއި ގުޅިގެން، ޝައިޚް ފަރީދުގެ ނަމުގައި މިސްކިތެއް ބިނާކުރަން، ޚިދުމަތް ޖަމްއިއްޔާއިން ނިންމައި، އެކަމަށް ބޭނުންވާ ފައިސާ ހަމަކުރުމުގެ މަސައްކަތް ފެށިތާ 24 ގަޑިއިރުވެސް ނުވަނީ ފައިސާ ހަމަވެއްޖެއެވެ.

"ޚިދުމަތް" ޖަމްއިއްޔާގެ މުސްތަޝާރު އަދި ޝަރިޢާ ބޯޑުގެ ރައީސް، ޝައިޚް ފަރީދު އަވަހާރަވުމުން، ފަރީދުގެ ނަމުގައި މިސްކިތެއް އަޅަން ނިންމާފައިވާކަން އެ ޖަމްއިއްޔާއިން އިއުލާނުކޮށް، މިސްކިތް އަޅަން ބޭނުންވާ ފައިސާގެ އަދަދުގެ ތަފްސީލު އާންމުކުރިތާ ގިނައިރުތަކެއްނުވެ، ފައިސާ ހަމަވުމަކީ ޝައިޚް ފަރީދާމެދު އާންމުންގެ ހިތުގައި އޮތް ލޯބި އެނގިގެންދިޔަ ކަމެކެވެ.

ބަންގްލަދޭޝްގައި އަޅަން ނިންމާފައިވާ މި މިސްކިތް އެޅުމަށް ބޭނުންވާ ފައިސާގެ އަދަދު ކަމުގައި ޚިދުމަތް ޖަމްއިއްޔާއިން އާންމުކޮށްފައި ވަނީ 760،000 ރުފިޔާއެވެ. މިއީ 455 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގަ އޮންނާނެ މިސްކިތެކެވެ. އެ ޖަމްއިއްޔާއިން ބުނެފައި ވަނީ މިސްކިތް ބިނާ ކުރުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށެވެ. އެ ޖަމްއިއްޔާއިން މިސްކިތް އަޅަން ނިންމައި، އެހީތެރިކަމަށް އެދި ސޯޝަލްމީޑިޔާގައި ޕޯސްޓްކުރީ މީގެ ވިއްސަކަށް ގަޑިއިރު ކުރިންނެވެ.

 

ޚިދުމަތް ޖަމްއިއްޔާއިން ބުނިގޮތުގައި ޝައިޚް ފަރީދުގެ ނަމުގައި މިސްކިތެއް އަޅަން ނިންމި ސަބަބަކީ، އިންސާނަކު މަރުވުމަށްފަހު ދުނިޔެމަތީގައި އެމީހެއްގެ ޒިކުރާ އާކުރުމަށް ދިރިތިބީންނަށް އެމީހަކަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އެމީހަކަށްޓަކައި ދެމިގެންދަނިވި ޞަދަޤާތެއް ކުރުން ކަމުގައިވާތީ ކަމަށެވެ.

"ދިވެހިރާއްޖޭގެ އިސްލާމީ ދަޢުވަތުގައި އިސްދައުރެއް އަދާކުރެއްވި ޝައިޚް އިބްރާހިމް ފަރީދު އަޙްމަދު އަޅުގަނޑުމެންނާ އިއްޔެ ވަނީ ވަކިވެ ވަޑައިގެންފައެވެ. ޝޭޚް އިސްލާމް ދީނަށް ކޮށްދިން ޚިދުމަތަކީ އަޅުގަނޑުމެންގެ ދުލާއި ޤަލަމުން ކިޔާދެވޭނެ ވަރަށްވުރެ އަގުހުރި މަސައްކަތެކެވެ." ޚިދުމަތް ޖަމްއިއްޔާއިން ބުނެފައިވެއެވެ.

އެ ޖަމްއިއްޔާއިން ބުނީ، ޝޭޚް އަޅުގަނޑުމެންނަށް ދޫކުރެއްވި ހެޔޮ ނަޞޭހަތާއި ޢިލްމުން ﷲ ތަޢާލާގެ އިރާދަފުޅާއެކު، އަޅުގަނޑުމެން އަދިވެސް ފައިދާ އެބަ ލިބިގަންނަ ކަމަށެވެ.

"ޝައިޚް ފަރީދުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، ނިޔާވުމަށްފަހުވެސް އެބޭފުޅާއަށް މަންފާ ކުރާނޭ ދެމިގެންދާ ޞަދަޤާތެއް ކުރަން، އެބޭފުޅާގެ ޢިލްމުން ފައިދާކުރި ކޮންމެ ފަރުދަކު ބޭނުންވާނެއެވެ. އެހެންކަމުން އެބޭފުޅާގެ ނަމުގައި ބަންގްލާދޭޝްގައި މިސްކިތެއް ބިނާކުރުމަށް ޚިދުމަތް ޖަމްޢިއްޔާގެ ފަރާތުން މިފެށުނު މަސައްކަތުގައި ބައިވެރި ވެލައްވަމާތޯއެވެ." ޝައިޚް ފަރީދުގެ ނަމުގައި މިސްކިތެއް އަޅަން ނިންމައި ޚިދުމަތް ޖަމްއިއްޔާއިން ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

ޚިދުމަތް ޖަމްއިއްޔާއިން މީގެ ވިއްސަކަށް ގަޑިއިރު ކުރިން މިސްކިތް އެޅުމާއިބެހޭ ގޮތުން ކުރި ޕޯސްޓް

ޝައިޚް އަވަހާރަވީ ދީނީ ދަރުސްއެއް ދެއްވަން މެލޭޝިޔާއަށް ވަޑައިގެން ހުންނަވަނިކޮށެވެ. ޝައިޚްގެ ޖަނާޒާ ރާއްޖޭގައި ބާއްވަން ކުރިން މަސައްކަތް ކުރިނަމަވެސް، ޕޯސްޓްމޯޓަން ހަދަންޖެހޭތީ، ޖަނާޒާ މެލޭޝިޔާގައި ބާއްވަން ނިންމައި، މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިޔާގައި ޝައިޚްގެ ޖަނާޒާ ވަނީ ބާއްވާފައެވެ.

ޝައިޚް ފަރީދުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށްފަހު، މެލޭޝިޔާގެ ރާޖާ ހާޖީ ފީސަބީލިއްލާހި މަސްޖިދުގައެވެ. އެއަށްފަހު ޝައިޚްގެ ހަށިކޮޅު ވަޅުލާފައި ވަނީ މެލޭޝިޔާގެ ޓަނާހް ޕެރްކުބުރަން ރައުދަތުލް ބާގީގައެވެ. ކަށުނަމާދާއި ޖަނާޒާގައި ޝައިޚްގެ އާއިލާގެ ބަޔެއް ބޭފުޅުންނާއި މެލޭޝިޔާގައި ދިރިއުޅޭ، އަދި މެލޭޝިޔާއަށް މިވަގުތު ގޮސްތިބި ބަޔެއް ދިވެހިންވެސް ބައިވެރިވެފައިވެއެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މިއަދު މެލޭޝިޔާގައި ޝައިޚް ފަރީދުގެ ޖަނާޒާ ބާއްވާފައިވާއިރު، އަންނަ ހުކުރު ދުވަހު، ހުކުރު ނަމާދަށްފަހު ޝައިޚްގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޮންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *