ޙައްޖަކީ اللهގެ ހަޒުރަތުގައި އެންމެންގެ ހަމަހަމަކަން ދައްކުވައިދޭ އާލަމީ ބައްދަލުވުމެއް: ޢީދު ޚުތުބާ

ޙައްޖަކީ اللهގެ ހަޒުރަތުގައި އެންމެންގެ ހަމަހަމަކަން ދައްކުވައިދޭ އާލަމީ ބައްދަލުވުމެއް: ޢީދު ޚުތުބާ

ޙައްޖުގެ އަޅުކަމަށް އެތަކެއް މުސްލިމުން އެއް ބިމަކަށް އެއްވެ، ބޯލަނބައި ތިބުމުން ދޭހަވަނީ މުސްލިމުންގެ އެއްބައިވަންތަކަމާއި މާތް ﷲ ގެ ހަޒުރަތުގައި ހުރިހާ މީހުން ހަމަހަމަކަން ކަމަށް ޢީދު ޚުތުބާގައި ބުނެފި އެވެ.

މިއަދުގެ ޢީދު ޚުތުބާގައި ބުނީ އިސްލާމް ދީން އައީ އަޅުކަމުގެ ތެރެއިން މި އުންމަތުގެ ހަރުދަނާ ކަމާއި އާރާއި ބާރު ހާމަކޮށްދޭން ކަމަށެވެ. އަދި ކޮންމެ ދުވަހަކު ފަސް ވަގުތެއްގައި މިސްކިތުގައި މުސްލިމުން އެއްވާ އެއްވުމުން ދޭހަވަނީ އެއް ހިސާބުގަނޑެއްގައި އުޅޭ މުސްލިމުންގެ ބާރު ކަމަށެވެ. ކޮންމެ ހުކުރު ދުވަހަކު ގާއިމުކުރެވޭ ހުކުރު ނަމާދުން މިއަށް ވުރެ ބޮޑު ޖަމާއާތެއް ފެންނާނެ ކަމަށާއި އީދު ނަމާދުން ރަށުގެ ގިނަބަޔެއްގެ ބޮޑު ބައްދަލުވުމެއް ފެންނަ ކަމަށް އީދު ހުތުބާގައި ބުންޏެވެ.

ދެން ފެންނަނީ ހައްޖުގެ އެއްވުން ކަމަށާއި އެއީ ދުނިޔޭގެ މުސްލިމުން ތަމްސީލުކޮށްދޭ އެއްވުމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މިއީ ހައްޖުގެ އެންމެ ބޮޑު ދުވަހެވެ. ދުނިޔޭގެ ކަންކޮޅު ތަކުން އެތައް މުސްލިމުންނެއް އެއް ބިމެއްގައި މާތް الله ގެ އަމުރަފުޅަށް ބޯލަނބައި އެއްވެ ތިބޭ މި މަތިވެރި އެއްވުމަކީ، މުސްލިމުންގެ އެއްބައިވަންތަކަމާއި، މާތް الله ގެ ހަޒްރަތުގައި އެންމެންގެ ހަމަހަމަކަން ދައްކުވައިދޭ އާލަމީ ބައްދަލުވުމެކެވެ. ހައްޖުވެރީންގެ މި ބައްދަލުވުން ހިނގަމުންދާ އިރު މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައިވާ މުސްލިމުން މާތް الله އަށް ތަކުބީރުކިޔައި، ޢީދުނަމާދުކޮށް، އުލުހިޔާ ކަތިލާނެ އެވެ" އީދު ހުތުބާގައި ބުންޏެވެ.

މިއަދަކީ ބަރަކާތްތެރި އަލްހާ އީދު ދުވަސް ކަމަށާއި މިއަދު ހައްޖުވެރީން މިނާއަށް ގޮސް ޖަމްރަތުލްއަޤަބާއަށް ހިލަ އުކާނެ ކަމަށް ކަމަށާއި، އަދި އެއަށް ފަހު ބޯ ބާލައި ނުވަތަ ބޯ ކޮށާނެ ކަމަށާއި އަދި ހަދުޔު ކަތިލައި، ތަވާފުލްއިފާޟާ ކުރާނެ ކަމަށް އީދު ހުތުބާގައި ބުނެފައިވެއެވެ.

ހައްޖުގެ އަޅުކަމުން ހަނދާން ކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން إِبْرَاهِيْم عَلَيْهِ السَّلَامގެ ވާހަކަތައް ކަމަށާއި، އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން إِسْمَاعِيْلُ عَلَيْهِ السَّلَام ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި މަތިވެރި ޒިކުރާ ކަމަށްވެސް ހުތުބާގައި ވެއެވެ. އަދި  އިސްލާމް ދީނުގެ ރޫހު ކަމުގައިވާ ތައުހީދުގެ ރަމްޒަކީ إِبْرَاهِيْم عَلَيْهِ السَّلَام ކަމަށާއި إِبْرَاهِيْم عَلَيْهِ السَّلَام، الله އަށްޓަކައި އެ ކަލޭގެފާނުގެ ވަތަން ދޫކުރައްވައި ހިޖުރަ ކުރެއްވިކަންވެސް ފާހަގަ ކޮށްފައިވެއެވެ.

ތައުހީދަށްޓަކައި އެކަލޭގެފާނުގެ ފުރާނަފުޅު ނުރައްކާތަކަށް ހުށަހެޅުނު ކަމަށާއި އެކަލޭގެފާނު އަލިފާނަށް އެއްލައިލެވުނު ކަމަށާއި، ނަމަވެސް މާތް الله ގެ ދައުވަތަށްޓަކައި އެކަލޭގެފާނު އެއްވެސް ކަމަކަށް ޖެހިލުންވެވަޑައިނުގެން، ތައުހީދު ފެތުރުއްވުމުގައި ކުރިއަށް ވަޑައިގަތް ކަމަށާއި إِبْرَاهِيْم عَلَيْهِ السَّلَام އެކަލޭގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ލޮބުވެތި ދަރިކަލުން، ގުރުބާން ކުރެއްވުމަށް މާތް الله ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވި ކަންވެސް ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. މި އީދުގައި އުޟްޙިޔާ ކަތިލުން ޝަރްއުކުރެވިފައި ވަނީ އެ ސަބަބަށްޓަކަންވެސް ފާހަގަ ކޮށްފައިވެއެވެ.

މި އީދުން އައު ސަފުހާއެއް ހުޅުވައިލައި، ތިމާގެ މުޅި ހަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީން ކަމުގައި ހަދަން އީދު ހުތުބާގައި ނަސޭހަތްތެރި ވެފައިވެއެވެ. އެގޮތަށް އަމަލުކޮށްފިނަމަ، މުސްލިމުން އިއްޒަތްތެރި ބަޔަކަށް ވާނެ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *