ސަރުކާރުން ފަށަން އުޅޭ ޓެކްސީ ލައިނުގައި ބައިވެރިވާ ކާރުތައް ބާއްވަން ހުޅުމާލޭ ފޭސް ތިނަކުން ބިމެއް ހަމަޖައްސައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޓެކްސީ ލައިނަށް ހަމަޖެއްސި ބިން ބައްލަވާލެއްވުމަށް މިނިސްޓަރ އަމީންވެސް މިއަދު އެތަނަށް ވަޑައިގެންނެވި ކަމަށެވެ. އަމީންއާއެކު ސްޓެލްކޯ އާއި އެމްޓީސީސީގެ އިސްވެރިންވެސް އެ ބިމަށް ވަޑައިގެންނެވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ތައްޔާރު ވަމުންދަނީ ޓެކްސީ ލައިނުގެ ޚިދުމަތް އަންނަ އޮގަސްޓް މަހު ފެށުމަށެވެ. ސަރުކާރުން ބުނީ ޓެކްސީ ލައިނުގައި ބޭނުން ކުރާނީ އިލެކްޓްރިކް ވެހިކަލް (އީވީ) ވެހިކަލެވެ.
ޓެކްސީ ލައިނުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލު ކޮށްފައި ވަނީ އެމްޓީސީސީއަށެވެ. އެ ކުންފުންނާއެކު މިހާރު ވަނީ އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ.