ރައީސް ޑރ. މުޙަންމަދު މުއިއްޒުގެ ސަރުކާރުގައި އެއްވެސް ކަމެއް ކުރުމުގެ ވައްޓާފާޅި ނެތް ކަމަށާއި އަދި ކަމެއް ކުރުމުގެ ގާބިލުކަންވެސް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރު އުޅެނީ ދަސްކުރާ ބޯޑު އަޅުވައިގެން ކަމަށާއި، އެއްވެސް ކަމެއް ކުރުމުގެ ވައްޓަފާޅިއެއް އަދި ކަމެއް ރާވައި ހިންގުމުގެ ގާބިލުކަންވެސް ނެތް ކަމަށެވެ.
"ސަރުކާރުގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ ކަންކަމުގެ ވައްޓަފާޅިއެއް ނެތް، އަމުދުން ކަންކަން ރާވައި ހިންގުމުގެ ޤާބިލު ކަމެއް ނެތްބަޔަކު "ދަސްކުރާ" ބޯޑުއަޅުވައިގެން އުޅޭ މަންޒަރު!" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މި ސަރުކާރުގައި ރައްޔިތުންގެ ދިރިއުޅުމުގެ ޒަރޫރީ ހުރިހާ ކަމެއްވެސް އޮތީ ފިއުޒުދާ ނިވިދިއްލޭ ބޮކިފައްޗެއްހެން ކަމަށެވެ.
"ކަރަންޓުން ފެށިގެންގޮސް ދިރިއުޅުމުގެ ހުރިހާ ޒަރޫރީ ކަމެއް މިއަދު ހުރީ އިރު އިރުކޮޅާ ފިޔުޒުދާ ނިވިދިއްލޭ ބޮކި ފައްޗެއްގެ ސިފައިގައި" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ސަރުކާރުގެ މިސްރާބު ސީދާ ނުވެއްޖެނަމަ، އެކަމުގެ ގެއްލުން އޮތީ ރައްޔިތުންނަށެވެ. އަދި ރައްޔިތުންގެ ވިޔަފާރި ތަކަށެވެ.
"މިސްރާބު ސީދާ ނުކުރެވިއްޖެނަމަ މިކަމުގެ އެންމެ ބޮޑު ގެއްލުމާއި ކުރިމަތިލާން ޖެހޭނީ އާންމު ރައްޔިތުންނަށާއި އެ ރައްޔިތުންގެ ވިޔަފާރި ތަކަށް." ޝާހިދު ވިދާޅުވިއެވެ.