ރައީސް ޑރ. މުޙަންމަދު މުއިއްޒުގެ ސަރުކާރުގައި ކަރަންޓުން ފެށިގެން ގޮސް ހުރިހާ ކަމެއްވެސް އޮތީ އިރުއިރުކޮޅާ ފިޔުޒުދާ ނިވިދިއްލޭ ބޮކިފައްޗެއްހެން ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ސިޔާސަތު ތަކަށް ފާޑުވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު މިއަދު ވިދާޅުވީ، މި ސަރުކާރުގައި ރައްޔިތުންގެ ދިރިއުޅުމުގެ ޒަރޫރީ ހުރިހާ ކަމެއްވެސް އޮތީ އެހެން ކަމަށެވެ.
"ކަރަންޓުން ފެށިގެންގޮސް ދިރިއުޅުމުގެ ހުރިހާ ޒަރޫރީ ކަމެއް މިއަދު ހުރީ އިރު އިރުކޮޅާ ފިޔުޒުދާ ނިވިދިއްލޭ ބޮކި ފައްޗެއްގެ ސިފައިގައި" ޝާހިދު ވިދާޅުވިއެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ޝާހިދު އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ އެއްވެސް ދިމާލެއްގައި ކަމެއް ކުރުމުގެ ވައްޓަފާޅިވެސް ނެތް ކަމަށެވެ. އަދި ކަމެއް ރާވައި ހިންގުމުގެ ބާގިލުކަންވެސް ނެތް ކަމަށެވެ.
"ސަރުކާރުގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ ކަންކަމުގެ ވައްޓަފާޅިއެއް ނެތް، އަމުދުން ކަންކަން ރާވައި ހިންގުމުގެ ޤާބިލުކަމެއް ނެތްބަޔަކު ‘ދަސްކުރާ’ ބޯޑުއަޅުވައިގެން އުޅޭ މަންޒަރު!" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރުގެ މިސްރާބު ސީދާ ނުވެއްޖެނަމަ، އެކަމުގެ ގެއްލުން އޮތީ ރައްޔިތުންނަށެވެ. އަދި ރައްޔިތުންގެ ވިޔަފާރި ތަކަށެވެ.
"މިސްރާބު ސީދާ ނުކުރެވިއްޖެނަމަ މިކަމުގެ އެންމެ ބޮޑު ގެއްލުމާއި ކުރިމަތިލާން ޖެހޭނީ އާންމު ރައްޔިތުންނަށާއި އެ ރައްޔިތުންގެ ވިޔަފާރި ތަކަށް." ޝާހިދު ވިދާޅުވިއެވެ.