ހުރިހާ ދިވެހި ހައްޖުވެރިން މިނާއަށް ހިނގައްޖެ

ހުރިހާ ދިވެހި ހައްޖުވެރިން މިނާއަށް ހިނގައްޖެ

ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިން މިނާއަށް ހިނގައްޖެ އެވެ. މިނާއަށް ހައްޖުވެރިން ދަތުރު ފެށީ ރޭގެ ވަގުތެއްގަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ހާޖީން ދަނީ މިނާގެ ފޭލިގެތަކަށް ވާސިލްވަމުން ކަމަށެވެ. "

"މިވަގުތާ ހަމައަށް 300 އެއްހާ ހާޖީން ދަނީ މިނާއަށް ދަތުރު ކުރަމުން، އެހެނިހެން ބަސްތައް ތަރުތީބުން ދަނީ ފުރަމުން. އެންމެންގެ ޙާލުވެސް ރަނގަޅު. ސަރުކާރުން ދަނީ ހައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުން" ރޭ ދަންވަރު ކުރެއްވި ޕޯސްޓެއްގަިއ ވިދާޅުވި އެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 1000 ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކުރާއިރު ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ހައްޖު މިޝަންއިން މައުލޫމާތުދެ އެވެ. ޙައްޖުވެރިން މިނާއިން، ދެން ދާނީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް އަރަފާތަށް ދިއުމަށެވެ.

ހައްޖު މަހުގެ 09 ވަނަ ދުވަހުގެ މެންދުރު ފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެ އެވެ.  އަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެ އެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑު ޖަމްރާއަށް ހިލައުކުން ކުރިއަށް ގެންދިޔުމަށް ފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ.

އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ތަވާފުލްއިފާޟާކުރުމާއި ސަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސައުޔުކުރުމަށެވެ. ހައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.  މިއަހަރުގެ ހައްޖު ދުވަހަކީ މާދަމާ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *