ފުލުހުން ޓޯކޮށްފައިވާ އުޅަނދު ތަކުގެ ތެރެއިން 560 އަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި އެވެ.
ފުލުހުން ބުނީ ޓޯކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތަކެއް ނައްތާލާފައިވާ ކަމަށެވެ.
އެގޮތުން، ޖުމްލަ 568 އުޅަނދު ގަވާއިދުގައިވާ ގޮތުގެ މަތިން ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނައްތާލި އުޅަނދު ތަކުގެ ތެރޭގައި ދެ ފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދު ހިމެނޭ އެވެ.
ފުލުހުން ނައްތާލާފައި ވަނީ 2025 މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ޓޯކޮށްފައިވާ އުޅަނދުތަކެވެ. ނިމުނު 2024 ވަނަ އަހަރު ޓޯ އޮޕަރޭޝަން ތަކުގައި ޖުމްލަ 15،514 އުޅަނދު ޓޯކޮށްފައި ވާކަން ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކަ އެވެ.
ފުލުހުން އާންމު ކޮށްފައިވާ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޓޯކުރި އުޅަނދު ތަކުގެ ތެރޭގައި 11،645 ސައިކަލާއި، 2،567 ކާރާއި 478 ޕިކަޕާއި 369 ވޭން އަދި 87 ޓްރަކު ހިމެނެ އެވެ. ފުލުހުން ބުނީ މިދިޔަ އަހަރު ޓޯކުރި އުޅަނދު ތަކުގެ ތެރެއިން 546 އުޅަނދެއް ނައްތާލާފައިވާ ކަމަށެވެ. އަދި 13،562 އުޅަނދު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.