ރައުދަށް ދައުވާ ކޮށްދޭން އެދި ޕީޖީއަށް ފޮނުވައިފި

ރައުދަށް ދައުވާ ކޮށްދޭން އެދި ޕީޖީއަށް ފޮނުވައިފި

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ހައްވާ ޔުމްނު ރަޝީދު، (21އ)، ވެއްޓުނު ހާދިސާއާ ގުޅިގެން އަހުމަދު ޒިލާލް، (21އ) އަށް ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ޕްރޮކިއުޓާޖެެނެރަލް (ޕީޖީ) އަށް މައްސަލަ ފޮނުވައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިޔާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު މިއަދު ވިދާޅުވީ، ރައުދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެ އޮފީހަށް ފޮނުވާފައިވާ މައްސަލަ ބަލައިގަތުމަށްފަހު، ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

ޔުމްނު ރަޝީދު، ވެއްޓުނު ހާދިސާގެ ތަހުގީގަށް ބަންދު ކޮށްފައި ބެހެއްޓުމަށްފަހު، އަހުމަދު ޒިލާލް، މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލިއެވެ. ނަމަވެސް އެއަށްފަހު އިތުރު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކުމުން، އޭނާގެ ބަންދަށް ފަސް ދުވަސް ކުރިމިނަލް ކޯޓުން ވަނީ ޖަހައިފައެވެ.

އެ މައްސަލައިގައި ފުލުހުން ރައުދު އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ. ރައުދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރިއިރު، އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ ރައުދުގެ ބަންދަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު 10 ދުވަސް ޖަހައިފައެވެ. އެ ފަހުން މި މަހުގެ 10 ވަނަ ދުވަހު ރައުދުގެ ބަންދަށް އަނެއްކާވެސް ފަސް ދުވަސް ޖެހިއެވެ.

ރައުދުގެ ބަންދު އެންމެފަހުން އިތުރު ކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. އެފަހަރު އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ 20 ދުވަސް ޖަހައިފައެވެ.

ރައުދުގެ ބަންދު އިތުރު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށްބުނެ އޭނާގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ފުލުހުން އޭނާ ބަންދުން އިއްޔެ ދޫކުރިއިރު ހައިކޯޓުން އިއްޔެ ވަނީ އެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައެވެ.

ނަމަވެސް ފުލުހުން، ރައުދު ބަންދުން ދޫކޮށްލާފައި ވާތީ ހައިކޯޓުން ވަނީ އެ އިސްތިއުނާފީ މައްސަލަ ބާތިލު ކޮށްފައެވެ. ރައުދު ހައްޔަރު ކުރި އިރު އޭނާގެ މައްޗަށް ހަތަރު ތުހުމަތެއް ފުލުހުން ކުރިއެވެ. އެއީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރި ވުމެއްވުމާއި، ޖިންސީ ބޭނުން ހިފުމުގެ ކުށަށް އަރައިގަތް ކަމުގެ ތުހުމަތާއި މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތައިލަފާނެ ކަމުގެ ތުހުމަތެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ، ޖިންސީ ބޭނުން ހިފުމުގެ ކުށް އުނިކޮށްފައެވެ.

ޔުމްނުއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރު ފަރުވާ ދެމުން ދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގައެވެ. ފުލުހުން ބުނާ ގޮތުން އެ މައްސަލައިގެ ތަހުގީގަށް ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތް ކުރިޔަސް އާއިލާގެ ފަރާތުން އެކަމަށް އެއްބާރުލުމެއް ނުލިބެއެވެ. އެހެންވެ މެލޭޝިޔާގެ ފުލުހުންނާ ގުޅިގެން ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *