ކައުންސިލުތަކުގެ އިންތިޚާބު އަންނަ އަހަރު އޭޕްރީލްގައި ބާއްވަނީ

ކައުންސިލުތަކުގެ އިންތިޚާބު އަންނަ އަހަރު އޭޕްރީލްގައި ބާއްވަނީ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، އެ ދެ އިންތިހާބަކީ އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާ އިންތިހާބު ކަމަށެވެ. އެހެން ކަމުން އެ އިންތިހާބު ތަކަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމުގެ ތައްޔާރީތައް އީސީ އިން މިހާރުއްސުރެ ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން، ގާނޫނާއި ގަވާއިދު ތަކުގެ ތެރެއިން އިންތިހާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި ގާނޫނާއި ގަވާއިދު ތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ވާއިރު މައިގަނޑު ގޮތެއްގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އެގޮތުން، އިންތިހާބާބެހޭ މަރުކަޒުގެ ގޮތުގައި އިމާރާތެއް ހޯދަން ދިމާވާ ދަތިތައް އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިހާތަަނަށް އެ ކަންތައްތަކަށް ބޭނުން ކުރަމުން އައި، ދަރުބާާރުގެ އާއި ކުރީގެ ބާޖަމާލުއްދީންވެސް މިހާރު ލިބެން ނެތް ކަމެވެ. ހައުސިން މިނިސްޓްރީ ހިނގަމުން އައި އިމާރާތް ރޯވެ އަނދައިގެން ދިއުމާއި ގުޅިގެން އެ މިނިސްޓީގެ މަސައްކަތްތައް ވަނީ ދަރުބާރުގެއަށް ބަދަލު ކޮށްފައެވެ.

އެހެން ކަމުން އެމަސައްކަތަށްް ބޭނުންވާ މުވައްޒަފުންނާއި، މަސައްކަތްތައް މިނިމައިޒްކޮށް ހަރަދު ކުޑަ ކުރެވޭނެ ގޮތްތައް ހަދަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ކުރީ އިންތިހާބުތަކާއި މި އިންތިހާބާއި އަޅާބަލާއިރު ކުރަންޖެހޭ މަސައްކަތާއި ޑިޖިޓަލައިޒް ކޮށްގެން ކުރާ މަސައްކަތުގެ ތެރެއިން ކޮން ކަމެއްގައިތޯ ހަރަދުގެ ގޮތުން ކުޑަކޮށް ކުރެވޭނީ މިކަންކަން ބެލުމުގެ މަސައްކަތް މިހާރު ކުރަނީ،" ޒާހިދު ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ، އަންނަ އިންތިހާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދުމުގެ މަސައްކަތްތައްވެސް މިހާރު ކުރަމުންދާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *