ރާއްޖޭގެ އެންމެމަތީ ކޯޓު އޮތީ ވާކޮށްލާފައި، މިނިވަން މުއައްސަސާ ތަކުގައިވެސް މިނިވަންކަމެއް ނެތް: ޝާހިދު

ރާއްޖޭގެ އެންމެމަތީ ކޯޓު އޮތީ ވާކޮށްލާފައި، މިނިވަން މުއައްސަސާ ތަކުގައިވެސް މިނިވަންކަމެއް ނެތް: ޝާހިދު

ދިވެހިރާއްޖޭގެ އެންމަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓު އޮތީ ވާކޮށްލާފައި ކަމަށާއި، އަދި ރާއްޖޭގައި ހުރި މިނިވަން މުއައްސަސާ ތަކުގައި މިނިވަން ކަމެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ، ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކުރިއަށް ދިޔަ އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ އެގްޒެކެޓިވް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ޝާހިދުގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނުދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް އާއި ހެންވޭރު އުތުރުދާއިރާގެ ކުރީގެ މެމްބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ދެފަހަރު ކުރައްވައި، އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވީ، ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު ވަދެފައިވާއިރު، ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކޮންޓްރޯލްވެސް ރައީސް ޑރ. މުޙަންމަދު މުއިއްޒު ނަންގަވައި، އެ ދެ މުއައްސަސާވެސް މިހާރު ހިންގަވަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ޑިމޮކްރަސީގެ ހުޅުކޮޅު ނިއްވާލަން ކަމަށެވެ. ސަރުކާރުގެ އުންމީދަކީ ރާއްޖޭގައި ޑިމޮކްރަސީ ނެތިދާ ދުވަސް ދެކުން ކަމަށެވެ. ނަމަވެސް ރާއްޖެއަށް ޑިމޮކްރަސީ ގެނައީ ގިނަބަޔަކު ގުރުބާންތަކެއްވެ، އުންމީދު ތަކަކާއެކުގައި ކަމަށާއި، އެހެންކަމުން ރާއްޖެއިން ޑިމޮކްރަސީ ފޮހެވިގެންދިޔަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުގެ ވެރިކަން ބަދަލުވެ، ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ރައީސްކަން ހޯއްދެވީ ރާއްޖޭގެ ރައްޔިތުންގެ ކައިރީގައި ގިނަ ދޮގުތަކެއް ހައްދަވައިގެން ކަމަށްވެސް ވިދާޅުވިއެވެ. އަދި އޭރުގެ ސަރުކާރާމެދު ދޮގު ވާހަކަ ދައްކައި، ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދައިގެން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އޭރުގެ ސަރުކާރުން ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކާބެހޭ ގޮތުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދިކަން ފާހަގަ ކުރެއްވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ވަނީ ޑިމޮކްރަސީގައި ފަހަތަށް ސޮހިފައެވެ. އެގޮތުން ރާއްޖޭގައި އެއްވެއުޅުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ނެތްކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީވެސް މިހާރު މިނިވަންކަމާއެކު، އެ ބޭފުޅަކު ބޭނުންފުޅުވާ ބަސް ވިދާޅުނުވެވޭ ބޭފުޅުންތަކެއް ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި މިހާރު ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޑިމޮކްރަސީ ފަހަތަށް ދާއިރު އެމްޑީޕީން އެކަމުގައި ހިތާމަ ކުރުމުގައި ނޯންނާނެ ކަމަށެވެ. އަދި އެމްޑީޕީން މަސައްކަތް ކުރާނީ ދިވެހި ރައްޔިތުން އުފާވެރި މާދަމާއެއްގެ އުންމީދުގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުގެ ޚުދުމުޚުތާރުކަން ކިތަންމެ މައްޗަށް ދިޔަސް، ރާއްޖެއިން ޑިމޮކްރަސީ ފުހެލިޔަ ނުދޭނެ ކަމަށެވެ. އެމްޑީޕީން އެކަމުގައި ދޫނުދެއްވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *