އޭޕްރީލް 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލައިގައި އޭނާ ގުޅުން ހުރި މީހަކު ހިމެނޭ ކަމަށް، އެ މައްސަަލައާއި ގުޅިގެން ކަމާބެހޭ ފަރާތް ތަކުން ހާމަކުރި މައުލޫމާތު ތަކުން އެނގެން ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަމީންގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީ ވަމުންނެވެ.
ޔުުމްނު ވެއްޓުނު މައްސަލައާއި ގުޅުވައި މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ސޮއިކޮށެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގައި މިނިސްޓަރު އަމީންގެ މައްޗަށް ހަތް ތުހުމަތެއް ކޮށްފައިވެއެވެ. އެ ތުހުމަތު ތަކުގެ ތެރެއިން އެ މައްސަލައިގައި އެމަނިކުފާނާ އާއިލީ ގޮތުން ގުޅުން އޮތް ބައެއްް ހިމެނޭ ކަމަށް ކުރާ ތުހުމަތުތަކާއި ގުޅިގެން، ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތު ތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.
އެގޮތުން ޔުމްނު ވެއްޓުނު ހާދިސާގައި ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި އާއިލީ ގޮތުން އެމަނިކުފާނާ ގުޅުން އޮންނަ ބޭފުޅެއް ވާކަމަށް ތަހުގީގީ އެއްވެސް އިދާރާއަކުން ހާމަކޮށްފައިނުވާ ކަމަށެވެ. އަދި އާއިލީ މީހަކު ވާކަމަށް އެހެން ގޮތަކުންވެސް މައުލޫމާތު ލިބިފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.
އެހެން ކަމުން ބުއްދީގެ ހަމަތަކުން ބަލާއިރު، މި މައްސަލައަށް އެމަނިކުފާނު ނުފޫޒު ފޯރުވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލައިގައި ވަކި ގޮތަކަށް އަމަލު ކުރުމަށް ތަހުގީގީ އެއްވެސް އިދާރާއަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކެއް އެމަނިކުފާނު ދިރިއުޅުއްވާ ގޭގައި ގައިރު ގާނޫނީ އަމަލުތަ ކެއްކޮށްފައިވާކަން މައްސަލާގައި ފާހަގަ ކުރައްވާފައިވި ނަމަވެސް އެ ގެއަކީ އެމަނިކުފާނުގެ އެކަނި ގެއެއް ނޫން ކަމަށާއި އެމަނިކުފާނާ އެއްބަނޑު އެއްބަފާ ތިން މީހެއް އެ ގެއަށް ނިސްބަތްވާ ކަމަށެވެ.
އެގޭގެ ވެރިންގެ ގޮތުގައި ގިނަ ބަޔަކު ހިމެނޭއިރު، ވަކި މަގާމެއްގައި ހުންނެވީތީ، އެމަނިކުފާނަށް ބަލަދުނާރާ ބަޔަކު ކުރާ ގައިރު ގާނޫނީ އަމަލެއްގެ ޒިންމާ ނެގުމަކީ އެއްވެސް އަސާސެއް ހުރިކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
ޔުމްނުގެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ބޭފުޅަކު ހިމެނޭ ކަމަށް ތުހުމަތު ކުރާއިރު، އެކަންވެސް ތަހުގީގީ އެއްވެސް އިދާރާ އަކުން ހާމަކޮށްފައި ނުވާކަމަށާއި އަދި އަމިއްލަފުޅަށް އެހެން ދަންނަވާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި މައްސަލާގައި ބައެއް މައުލޫމާތުތައް ފުލުހުން ހާމަކުރައްވާފައި ނުވަނީ އެމަނިކުފާނުގެ ނުފޫޒުން ކަމަށްވެސް ތުހުމަތު ކުރައްވާފައިވާ ކަމަށެވެ.
ނަމަަވެސް މައުލޫމާތު ހާމަކުރުމާއި ނުކުރުމަކީ ފުލުހުންގެ ނިންމުމެއް ކަމަށާއި، ފުލުހުންގެ އިދާރާއަކީ އެމަނިކުފާނުގެ ބެލުމުގެ ދަށުން ހިންގާ އިދާރާއެއް ނޫން ކަމުން، އޭގެ އެއްވެސް ކަމަކަށް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.