ރާއްޖެ ޑިޖިޓަލް ކުރުމުގެ ނަމުގައި ސަރުކާރުން މިހާރު ތައްޔާރު ވަމުން އެދަނީ ކުރިއަށް ހުރި އިންތިޚާބުތައް އޮޅުވާލަން ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ރޭ "ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" އިފްތިތާހު ކުރުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ޝާހިދު ސޯޝަލް މީޑިޔާގައި ވިދާޅުވީ، ވެރިކަމަށް ދެ އަހަރު ފުރުމާއި ދިމާލަށް ދާއިރު، "ދިވެހީންގެ ރާއްޖެ ސްކޭމުން Maldives 2.0 " އަށް "ދޮގުފަތި އަމުނަމުން ދިއުން" ހުއްޓާލަން ސަރުކާރަށް ގޮވާލައްވާ ކަމަށެވެ. އަދި ސަރުކާރުން ހަދަމުން ގެންދާ ދޮގުތައް ދިވެހިން ބޭނުން ނޫން ކަމަށެވެ.
ޝާހިދު ވިދާޅުވީ ވެރިކަމަށް ދެއަހަރަށް ދާއިރު ތަރައްޤީގެ މާރެހެއް ނުފެނުނު ކަމަށެވެ. އަދި ވިޔަފާރިތައް ފުނޑި، ދަރަނި ބޮޑުވެ، މުޅި ޤައުމު އޮތީ "ވާނުވާގައި" ކަމަށެވެ.
"ދިވެހި ރައްޔިތުން ބޭނުން ވަނީ އިންސާނީ ކަރާމަތާއި، ޙައްޤުތައް ކަށަވަރު ޑިމޮކްރަޓިކް ދިރިއުޅުމެއް. ބޭސް ގުޅައެއް ހޯދަން ވާނުވާގައި، ރަށު ތަރައްޤީ ވާނުވާގައި، އަދުލު އިންސާފާއި ސްޕްރީމް ކޯޓް ވާނުވާގައި އޮންނަ، 2.0 ރާއްޖެއެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި އިންތިޚާބުތައް އޮޅުވާލައި، "ރައްޔިތުންގެ ކަރަށް އަތްބާނައިގެން ވައްކަން ކުރަން" ދިވެހި ރައްޔިތުން ފުރުޞަތު ނުދޭނެ ކަމަށެވެ.