ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، މަގާމުން ވަކިކުރުމުގެ މައްސަލަ ބަލަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ބަދަލު ގެނެސްފިއެވެ.
ކޮމިޓީއަށް ބަދަލު ގެނައިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަަދުގެ ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އެވެ.
އޭނާ ވިދާޅުވީ، ޖުޑިޝަރީ އިން ވެރިކަންކުރާ ޕީއެންސީއަށް ލިބިފައިވާ ސްލޮޓް ތަކުގެ ތެރެއިން އެއް ސްލޮޓްގައި ހިމެނިވަޑައިގަންނަވާ މެންބަރު، ފޭދޫ އުތުރު ދާއިރާގެ އިސްމާއިލް ނިޒާރުގެ ބަދަލުގައި، ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ކޮމިޓީއަށް އަލަށް އައްޔަން ކޮށްފައިވާ ކަމަށެވެ.
ދެ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކޮށްގެން ޖުޑިޝަރީ ކޮމިޓިގެ ބައްދަލުވުމެއް އިއްޔެ ބާއްވަން ތާވަލް ކުރި ނަމަވެސް އެ ބައްދަލުވުން ބާއްވާފައެއް ނުވެއެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮޝަން (ޖޭއެސްސީ) އިން ނިއްމި މައްސަލައިގައި މަޖިލީހުން ގޮތެއް ނިންމުމަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މިދިޔަ އަންގާރަ ދުވަހުއެވެ.
ހަމަ އެދުވަހު އެ މައްސަލަ ތާވަލު ކޮށްގެން ކޮމިޓީ ބައްދަލުވުމެއް ބޭއްވިއެވެ. އެ ދުވަހުގެ ކޮމިޓީ ބައްދަލުވުން ނިންމައިލީ، މައްސަލައަށް ޖަވާބުދާރީ ވުމަށް، ކޮމިޓީއަށް ފަނޑިޔާރުން ހާޒިރު ކުރުމާއި މެދު ފަހުން ގޮތެއް ނިންމާ ގޮތަށް ފާސް ކޮށްފައެވެ.
އެ ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކި ކުރަން ޖޭއެސްސީ އިން ނިިންމީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދާ މެދު ކުރިމިނަލް ކޯޓުން ނެރުނު އަމުރަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައެވެ.