ހިލޭ ނާސްތާ ދޭ ޕްރޮގްރާމަކީ ދަރިވަރުންނަށް ބޭނުންތެރި ޕްރޮގްރާމެއްނޫން: މިނިސްޓަރު

ހިލޭ ނާސްތާ ދޭ ޕްރޮގްރާމަކީ ދަރިވަރުންނަށް ބޭނުންތެރި ޕްރޮގްރާމެއްނޫން: މިނިސްޓަރު

ސްކޫލުތަކުގެ ދަރިވަރުންނަށް ހިލޭ، ހެނދުނުގެ ނާސްތާ ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމަކީ، ކޮމިއުނިޓީ ލެވެލްގައި އެހާ ބޭނުންތެރި ޕްރޮގްރާމެއްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސްކޫލްތަކުގެ ދަރިވަރުންގެ ހެނދުނު ނާސްތާއާ ބެޙޭގޮތުން މަޖިލިސް މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ނާސްތާ ޕްރޮގްރާމަކީ އެމްޑީޕީ ސަރުކާރުގެ ވައުދެއް ކަމަށެވެ.

"ނަތީޖާއަކަށްވީ ގާނޫނު އައިއިރު މި ލިޔަނީ ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދޭންވާނެޔޭ، މިހާރުވެސް ގާނޫނުގައި އޮތީ އެހެން، ނަމަވެސް އެ ގާނޫނަށް އެ ޕޮއިންޓް ލެއްވި ބޭފުޅުން ފަހުން ނިންމެވީ، ބޭނުންވާ ކުއްޖަކަށޭ "ނާސްތާ" ދޭނީ. އެހެންވީމަ މިހާރު އަޅުގަނޑުމެން އެ ބޭފުޅުން ނިންމާފައި އޮތް ގޮތަށް، ބޭނުންވާ ކޮންމެ ކުއްޖަކަށް ނާސްތާ ދެމުން މިދަނީ ގާތްގަނޑަކަށް މިހާރުވެސް އަޅުގަނޑުހިތުން 200 އަށްވުރެގިނަ ކުދިންނަށް ނާސްތާ އެބަ ފޯރުކޮށްދެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން މުޅި ރާއްޖޭގައި 80،000 ދަރިވަރުން ތިބޭއިރު، އަންދާޒީކޮށް ހެނދުނުގެ ސެޝަންގައި ގާތްގަނޑަކަށް 60،000 ދަރިވަރުން ސްކޫލްތަކަށް ހާޒިރުވާނެ ކަމަށެވެ. އެހެން ކަމުން އޭރު 60،000 ދަރިވަރުންނަށް ދޭން ނިންމި ނާސްތާ ޕްރޮގްރާމް މިހާރު ދޭކުދިންގެ އަދަދު ހާހަކަށްވެސް ނާރާ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ ކޮމިއުނިޓީ ލެވެލްގައި އެހާބޭނުންތެރި ޕްރޮގްރާމެއްގެ ގޮތުގައި ނުބެލެވޭކަމަށް އަޅުގަނޑަށް މި ގަބޫލު ކުރެވެނީ، އެއީ ބޭނުންވާ ކޮންމެ ކުއްޖަކަށް ދިނުމަށް ނިންމައިގެން މިހާރު ކުރިއަށް ދާއިރުގައިވެސް ޔަގީނުންވެސް 1000 ކުދިންނެއް މި ޕްރޮގްރާމްގެ ތެރެއަކު ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެކަމުގައި އެމަނިކުފާނުގެ ހުރި ކަންބޮޑުވުމަކީ އެހާ ބޮޑު ނޭޝަނަލް ޕްރޮގްރާމެއް، ގާނޫނެއްގެ ތެރެއިން ދޭންވާނެ ކަމަށް ބުނެފައި، ދޭން ބޭނުންވާ ކުދިންނަށްދޭން ނިންމުމުން ކަމަށެވެ. އެހެންކަމުން ތައުލިމާބެހޭ ގާނޫނުގެ އިސްލާހުތައް މަޖިލީހަށް ހުށަހަޅާއިރު އެކަންކަމަށް ރިއާޔަން ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *