ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުލިބުނު އިންސާފެއް، އެއްވެސް ދިވެހި ރައްޔިތަކަށް ލިބޭނޭ ކަމަށް ބެލުމަކީ އަވާމެންދުރެއް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމާއެކު، ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވާފައި ވަނިކޮށް، ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމައި ރައްޔިތުންގެ މަޖިލީހަށްވެސް ފޮނުވާފައި ވާތީ އެކަމާއި ގުޅިގެން ޝާހިދު މިއަދު އެކްސްގައި ވިދާޅުވީ، މި މައްސަލައިގައި ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.
"ސަރުކާރުގެ ސީދާ ނުފޫޒާ ބޭއިންސާފުގައި ފަނޑިޔާރު އަޒްމަރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު ޢަލީ ސީދާ ޤާނޫނު އަސާސީއާ ޚިލާފަށް، ޤާނޫނީ އެންމެހައި އިޖުރާޢަތްތަކާ ޚިލާފަށް ވަކިކުރުމަށްޓަކައި ހިންގަމުންދާ އަނިޔާވެރި ޖަރީމާ ކުށްވެރި ކުރަން" ޝާހިދު ވިދާޅުވިއެވެ.
ޑރ. އަޒްމިރަދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިހާރު ވަނީ ޖުޑީޝަރީ ކޮމިޓީއަށްވެސް ފޮނުއްވާފައެވެ. އެ ދެބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮޝަން (ޖޭއެސްސީ)ން ނިންމާފައި ވަނީ އިއްްޔެގެ ވަގުތެއްގައެވެ.
އެ މައްސަލައަށް މަޖިލީހުން ގޮތެއް ނިންމެވުމަށް އެދިވަޑައިގެން ޖޭއެސްސީގެ ރައީސް އަދި މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސެއިން އާދަމް ރިސާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އަށް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮޮމީޓީއަށް ނިންމެވިކަން މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.
އިއްޔެ މެންދުރު ޖޭއެސްސީން ބޭއްވި ބައްދަލުވުމެއްގައި ވަނީ އެ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބަލާ ކޮމިޓީން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށް ނިންމައިފައެވެ.