ފ. މަގޫދޫއަކީ އެމްޑީޕީގެ ކިއްލާއެއް، އެކަމަކު އެއީ އެއާޕޯޓު މަޝްރޫއު ހުއްޓުވަންޖެހޭނެ ސަބަބެއްނޫން- ޝާހިދު

ފ. މަގޫދޫއަކީ އެމްޑީޕީގެ ކިއްލާއެއް، އެކަމަކު އެއީ އެއާޕޯޓު މަޝްރޫއު ހުއްޓުވަންޖެހޭނެ ސަބަބެއްނޫން- ޝާހިދު

ފ.މަގޫދޫއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށާއި، ނަމަވެސް އެއީ އެރަށުގައި އެމްޑީޕީގެ ސަރުކާރުން ފެއްޓި އެއާޕޯޓް މަޝްރޫއު މި ސަރުކާރުން ހުއްޓާލަންޖެހޭ ސަބަބެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތުގެ ވަރަށް ބޮޑުބައި ނިމިފައި ވަނިކޮށް އެއާޕޯޓުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާތީ ޝާހިދު މިއަދު އެކްސްގައި އެކަމާބެހޭ ގޮތުން ވިދާޅުވީ، މަގޫދޫ އެއާޕޯޓު މަޝްރޫ ހުއްޓާލަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޝާހިދު ވިދާޅުވީ ނަތީޖާ ނެރެންވާނީ ތަފާތު ޚިޔާލުގެ މީހުން ފަހަތަށް ސޮއްސުވާލައި ކާސްތޮޅު އަޅުވައިގެން ނޫން ކަމަށެވެ.

"ފ. މަގޫދޫއަކީ އެމް.ޑީ.ޕީގެ ކިއްލާއަކަށްވުމުން އެ ރައްޔިތުންގެ އެއަރޕޯޓް މަޝްރޫޢު ހުއްޓުވަންޖެހޭ ރަށެއް ނޫން! ނަތީޖާ ނެރުމަކީ ތަފާތު ޚިޔާލު ކަސްތޮޅު އަޅުވާ ފަހަތަށް ސޮއްސާލަން މަސައްކަތް ކުރުމެއް ނޫން" ޝާހިދު ވިދާޅުވިއެެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި ޚިޔާލުފާޅު ކުރުމުން ޖަލު ބަންދުކޮށް، ފިކުރީ މިނިވަންކަމުން ވަޒީފާއިން ވަކިކޮށް، ޖަމާޢީ ތާޢީދު ދަށްވުމުން ތަރައްޤީއިން ރައްޔިތުން ބާކީ ނުކުރުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އިންސާފާއި ތަރައްގީ އަލުން އަނބުރައި ހޯއްދަވަނެ ކަމަށެވެ.

"އިރާދަފުޅުން އަޅުގަނޑުމެން މި ސަރުކާރު ވޯޓު ފޮށިން ބަލި ކުރާނަން އަދި އިންސާފާއި ތަރައްޤީ އަލުން އަނބުރާ ހޯދާނަން." ޝާހިދު ވިދާޅުވިއެެވެ.

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ފަށާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. ވެރިކަން ބަދަލުވީއިރު ބިން ހިއްކައި މަސައްކަތުގެ ބޮޑުބައި ވަނީ ނިންމާފައެވެ. ނަމަވެސް މި ސަރުކާރު އައިފަހުން އެއާޕޯޓުގެ މަސައްކަތް މަޑުޖެހިފައި އޮތުމުން އެރަށުގެ ރައްޔިތުން ދޭތެރެދޭތެރެއިން ދަނީ އިހުތިޖާޖު ކުރަމުންނެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް މަޑު ޖެހިފައިވާއިރު، މި ސަރުކާރުން ވަނީ ފ. ނިލަންދޫގައި އެއާޕޯޓެއް އަޅާނެކަން އިއުލާނު ކޮށްފަ އެވެ. ނަމަވެސް އެ މަސައްކަތް މާބާރު ސްޕީޑުގައި އަދި ކުރިއަށް ނުދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *