ރައީސް މުއިޒަށް ޝާހިދު ހަނދާން އާކޮށްދެއްވީ ޝާހިދުގެ ގޭދޮށުގައި ރައީސް މުއިއްޒު މުޒާހަރާ ކުރެއްވި ރޭތައް!

ރައީސް މުއިޒަށް ޝާހިދު ހަނދާން އާކޮށްދެއްވީ ޝާހިދުގެ ގޭދޮށުގައި ރައީސް މުއިއްޒު މުޒާހަރާ ކުރެއްވި ރޭތައް!

މަޖީދީމަގުގައި ޒުވާނުންގެ މުޒާހަރާތައް ކުރިޔަށް ގެންދިޔައިރު، ޒުވާނުންގެ މުޒާހަރާގެ ސަބަބުން އާންމުންނަށް އުދަނގޫވާ ކަމަށް ބުނެ، އެ މުޒާހަރާތައް ފުލުހުން ރޫޅާލަމުން ދިޔުމާއެކު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހަނދާން އާކޮށްދެއްވީ 2023 ވަނަ އަހަރު ޝާހިދުގެ ގެކޮޅު ކަމަށްވާ ހ. ރަބީޢީމަންޒިލް ދޮށުގައި މިހާރުގެ ރައީސް ޑރ. މުޙަންމަދު މުއިއްޒާއި އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބަޔެއް ވަޒީރުން މުޒާހަރާ ކުރެއްވި ރޭތަކުގެ މަތިންނެވެ.

ޝާހިދު މި ކަމުގެ ހަނދާންތައް އާކޮށްދެއްވީ ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ، އޭރު އެމަނިކުފާނު ޚާރިޖީ ވަޒީރު ކަމުގައި ހުންނެވިއިރު، އިދިކޮޅުން ބޭއްވި މުޒާހަރާތަކުގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް ރައީސް މުއިއްޒާއި ކެބިނެޓުގައި މިހާރު ތިއްބެވި ވަޒީރުންވެސް ކޮންމެ ރެޔަކު ގޮސް އަޑުގަދަކޮށް ހެއްދެވި ކަމަށެވެ. އޭރު އެކަން ކުރަމުން ދިޔައިރު އެމަނިކުފާނުގެ ގެކޮޅުގެ ކުރިމަތީގައި މިސްކިތެއް ހުންނަ ކަމަށާއި ކައިރީގައި ހޮސްޕިޓަލެއް ހުރިކަންވެސް ހަނދާން އާކޮށްދެއްވިއެވެ. އަދި އެމަނިކުފާނުގެ ގޭގައިވެސް އަދި އެ ސަރަހައްދުގެ ގެތަކުގައިވެސް އުމުރުން ދުވަސްވީ މީހުންނާއި ތަފާތު އެކިކަހަލަ ކަންކަމުގައި އުޅޭ މީހުން ތިއްބަވާކަން ހަނދާން އާކޮށްދެއްވިއެވެ. އަދި ހޮސްޕިޓަލާއި މިސްކިތަށްދާ މީހުންނަށްވެސް އުދަނގޫވާނެކަން ހަނދާން އާކޮށްދެއްވިއެވެ.

"2023 ވަނަ އަހަރާ ހަމައަށް އަޅުގަނޑުމެން ސޮއްސާލާއިރު، އަޅުގަނޑަށް މިހާރުވެސް ލޯކުރިމަތީގައި ފެނިގެންދާފަދަ މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު މުއިއްޒު ހަމަ ކޮންމެ ރެޔަކު، ހަމަ ކޮންމެ ރެޔަކު އަޅުގަނޑުމެން ގޭ ދޮރުމަތީގަ މުޒާހަރާގަ ހުންނަވާތީ. ހަމަ ކޮންމެ ރެޔަކު. މިހާރު ކެބިނެޓުގައި ތިއްބެވި ގިނަބޭފުޅުން ހަމަ ކޮންމެ ރެޔަކު އަޅުގަނޑުމެން ގޭގެ ދޮރުމަތީގައި ތިއްބަވާ. އަޑު އުފުއްލަވާ. ހަޅޭއްފަޅޭއްޖަހާ. އަޅުގަނޑުމެންގެ ގެއަކީވެސް އުމުރުން ދޮށީ ބޭފުޅުންނާއި މީހުންނާ އެންމެން އުޅެމުންދާ ތަނެއް. ކުރިމަތީގައި ހުރީ މިސްކިތެއް. ޖެހިގެން ހުރީ ހޮސްޕިޓަލެއް. ހަމަ ކޮންމެ ރެޔަކު ރައީސް މުއިއްޒު" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އެގޮތަށް ކަންތައް ކުރުމުން ގޭގައި ދިރިއުޅޭ މީހުންނާއި އެ ސަރަހައްދުގައި އުޅޭ މީހުންނަށްވެސް އުދަނގޫވާ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ބަލި މީހުންނަށްވެސް އުދަނގޫވާ ކަމަށެވެ.

ނަމަވެސް އެ މުޒާހަރާތައް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ކުރިމަތީގައި ކުރަމުން ދިޔުމުގެ ފުރުޞަތު އޭރު ސަރުކާރުން ދިން ކަމަށެވެ. އެ ފުރުޞަތު ދިން ސަބަބެއް ކަމަށް ޝާހިދު ވިދާޅުވީ، ޤާނޫނުއަސާސީގައި ބުނާ ހަމަހަމަ ކަމުގެ ފުރުޞަތު އެ ފަރާތްތަކަށް ދިނުމުގެ ބޭނުމެވެ. އޭރުގެ ހަނދާންތައް އާކޮށްދެއްވަމުން ޝާހިދު ވިދާޅުވީ، ވެރިކަމަށް ވަޑައިގަތުމުން އެ ހަނދާންތައް ނެތުނުލެއް ވަރަށް އަވަސް ކަމަށެވެ.

"ވެރިކަން ލިބިވަޑައިގަތީމާ ހަނދާން ނެތޭލެއް މާއަވަހީ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ތާއަބަދު ވެރިކަމުގައި ހުންނެވޭނެ ކަމަށް ރައީސް މުއިއްޒު ހީފުޅުކުރައްވައިގެން ނުވާނެ ކަމަށާއި، އެކަން ރާއްޖެއިން ސާފުކޮށް މީގެކުރިންވެސް ފެނިފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *