އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިޔާ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުޙަންމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްކަން ނާރުވަން، އެ ޔުނިވާރސިޓީން ތައުލީމް ޙާސިލު ކޮށްފައިވާ ބަޔެއް ދިވެހި ދަރިވަރުން އެދިއްޖެއެވެ.
މާދަމާގެ ވަގުތެއްގައި ރައީސް މުއިއްޒު މެލޭޝިޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށް، އަދި މި ދަތުރުފުޅުގައި އެ ޔުނިވާރސިޓީއަށް ޒިޔާރަތް ކުރައްވައްވައި، އެ ޔުނިވާރސިޓީގައި ރައީސް ތަޤުރީރު ކުރައްވަންވެސް ހަމަޖެހިފައިވާ ދަނޑިވަޅެއްގައި، އެ ޔުނިވާރސިޓީން ތައުލީމް ހާސިލު ކޮށްފައިވާ ބަޔެއް ދިވެހި ދަރިވަރުން މިގޮތަށް އެދުނުއިރު، ރައީސަށް އޮނަރަރީ ޑޮކްޓަރޭޓްކަން އަރުވަން އެ ޔުނިވާރސިޓީގެ ބަޔެއް ކޮމިޓީ ތަކުން މަޝްވަރާ ކޮށްފައިވާ ކަމުގެ މައުލޫމާތުވެސް ލިބެއެވެ. ނަމަވެސް ރައީސަށް އެ ޝަރަފް އަރުވަން ޔުނިވާރސިޓީން ސީދާ ނިންމާފައިވާ ކަމެއް އަދި ސާފެއްނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒަށް އެ ޝަރަފް ނާރުވާން އެދި، އެ ޔުނިވާރސިޓީން ތައުލީމް ހާސިލުކޮށް، ދަސްވެނިވި ދިހަ ދަރިވަރަކު ވަނީ އެ ޔުނިވާރސިޓީއަށް ސިޓީއެއް ފޮނުވާފައެވެ. މި ދިހަ ދަރިވަރުންވެސް ސިޓީ ފޮނުވާފައި ވަނީ ވަކިވަކިން އެ ދަރިވަރުންގެ ނަމުގައި ކަމަށްވެސް މައުލޫތު ލިބިފައިވެއެވެ. މާލެ ޓައިމްސްއަށް ލިބުނު މައުލޫމާތުން އެނގުނު ގޮތުގައި އޭތެރެއިން އެއްބޭފުޅަކީ ދާދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ސަސްޕެންޑްކޮށް މައްސަލަ ބަލަން ފެށުމުން މަގާމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދެވެ. ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުން ސަސްޕެންޑް ކޮށްފައިވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރަކީވެސް އެ ޔުނިވާރސިޓީގެ ދަރިވަރެކެވެ.
ދަރިވަރުންގެ ސިޓީގައި ފާހަގަ ކޮށްފައިވާ ބަޔެއް ކަންކަމުގެ ތެރޭގައި ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް ކުއްލިއަކަށް އެ ކޯޓުގެ ފަނޑިޔާރުން ތަކެއް ސަސްޕެންޑް ކުރުންވެސް ރައީސަށް އެ ޝަރަފް ނާރުވާން އެދުނު ސަބަބު ތަކުގެ ތެރޭގައި ހިމެނެއެވެ. ދަރިވަރުންގެ ސިޓީގައި ބުނެފައި ވަނީ އެ އަމަލަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ރައީސް މުއިއްޒު ދެއްވި ހަމަލާއެއް ކަމަށެވެ. އަދި އެކަން އދ. އިންވެސް ކުށްވެރި ކޮށްފައިވާކަން ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.
ދަރިވަރުންގެ ސިޓީގައި ބުނެފައި ވަނީ ރައީސް މުއިއްޒަށް އެފަދަ ޝަރަފެއް އެރުވުމަކީ، އެ ޔުނިވާރސިޓީގެ ނަމަށްވެސް ހުތުރުވާނެ ކަމެއް ކަމަށެވެ.
މާދަމާ ރައީސް މުއިއްޒު މެލޭޝިޔާއަށް ކުރައްވާ ދަތުރުފުޅަކީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.