އައްޑޫ ސިޓީގައި އެމްޑީޕީ ފަނޑުވުމެއް ނެތް ކަމަށާއި، އައްޑޫ ސިޓީ އަދިވެސް އޮތީ އެމްޑީޕީއާއެކު ގަދަކޮށް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫއަކީ އަބަދުވެސް އެމްޑީޕީގެ އިސްލާހީ ހަރަކާތްތައް ފެށިގެން އަންނަ އެއް ސަރަހައްދު ކަމަށެވެ. އަދި މިހާރުވެސް އައްޑޫ ސިޓީގެ އެމްޑީޕީ މެމްބަރުން ތިބީ އެ ރޫހުގައި، އިސްލާހީ ހަރަކާތުގެ އެންމެ އިސް ސަފުގައި ކަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، އެމްޑީޕީ އިން ކުރަންޖެހޭ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދަން އައްޑޫ ސިޓީގެ އެމްޑީޕީ މެމްބަރުން ބޭނުންވާ ކަމަށެވެ.
"އެމްޑީޕީ ހިނގާނީ މެމްބަރުންގެ ރޫހާ އެއްގޮތަށް. މެމްބަރުން ބޭނުންވާ ގޮތަށް" ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށްފަހު ޝާހިދު ވިދާޅުވިއެވެ.
އައްޑޫ ސިޓީއަށް ޝާހިދު ކުރައްވާ ދަތުރުފުޅުގައި، އެ ސިޓީގައި އެމްޑީޕީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމާއި ބެހޭ މަޝްވަރާތައްވެސް ވަނީ ބާއްވާފައެވެ. އަދި ކުރިއަށް ހުރި އިންތިޚާބު ތަކާބެހޭ ގޮތުންވެސް މެމްބަރުންނާ ވަނީ މަޝްވަރާ ކުރައްވާފައެވެ.