އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
އައްޑޫ ސިޓީއަށް ޝާހިދު ކުރައްވާ ދަތުރުފުޅުގައި، އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުންނާއި، އައްޑޫގެ ދާއިރާތަކުގެ ރައީސުންގެ އިތުރުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީއަކީ އެމްޑީޕީ އުފެދިގެން މިއަދާއި ހަމައަށް އައިއިރުވެސް މެދުކެނޑުމެއް ނެތި އިސްލާހީ ހަރަކާތްތައް އެންމެ ބާރަށް ހިނގާ އެއް ސަރަހައްދު ކަމަށެވެ.
"މި ދަތުރުގައި އައްޑޫގައި ތިބި ޕާޓީގެ މެމްބަރުންނާއި ބައްދަލުކޮށް، ޕާޓީގެ މަސައްކަތްތަކާއި ކުރިއަށް އޮތް އިންތިޚާބުތައް ޕާޓީއަށް ކާމިޔާބު ކޮށްދިނުމާބެހޭ ގޮތުން މަޝްވަރާ ކުރާނަން" ޝާހިދު ވިދާޅުވިއެވެ.
އައްޑޫ ސިޓީއަށް ޝާހިދު ވަޑައިގެންނެވިއިރު، މީގެކުރިންވެސް ވަނީ ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް އެކި އަތޮޅު ތަކަށް ވަޑައިގެންފައެވެ.