ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު ހައްޔަރު ކޮށްފައި ވަނީ ފްރޭމް ކޮށްގެން ނޫން ކަމަށާއި، ޝަމްއާން ހައްޔަރު ކޮށްފައި ވަނީ ސާބިތު ހެކި ހުރެގެން ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަޒީރުންނާ ސުވާލު ކުރުމުގެ ތެރެއިން، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރ އިހްސާން ވިދާޅުވީ، އެކުގައި މަސައްކަތް ކުރަމުންދިޔައިރު، ޝަމްއާނާއި އިހްސާންގެ ގުޅުން ރަނގަޅު ކަމަށެވެ. އަދި ޝަމްއާން ހައްޔަރު ކުރީ މިނިސްޓަރާ ދޭތެރޭގައި އޮތް ޒާތީ ކަމެއްގެ ސަބަބުން ނޫން ކަމަށާއި، ގާތް ބޭފުޅަކަސް ޤާނޫނާ ޚިލާފުވުމުން އެއީ "ވެރިއެއްތޯ، ގެރިއެއްތޯ" ނުބައްލަވާނެ ކަމަށާއި، ތަފާތެއް ނުގެންގުޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ މީހަކު ހުރި މަގާމަކީ ގާނޫނު ދަންނަ އެއްޗެއް ނޫން ކަމަށެވެ. ކޮންމެ މަގާމަކު ހުއްޓަސް ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިހްސާން ވިދާޅުވީ ޝަމްއާން ފްރޭމް ނުކުރާ ކަމުގެ ޔަގީންކަން އާއިލާއަށްވެސް ދެއްވާ ކަމަށެވެ.
"އަޅުގަނޑަށް ކަށަވަރުވޭ އެ މައްސަލާގައި މިހާރު ހައްޔަރުގައި އޮތް ބޭފުޅާ އޮތީ އެ މައްސަލާގައި ފުލުހުން ބެލި ބެލުމުން ސާބިތު ހެކި ފެނިގެންކަން" ޝަމްއާނާބެހޭ ގޮތުން އިހްސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މައްސަލައިގެ ތަހުގީގު ނިންމައި، ޕީޖީއަށް ފޮނުވާ ހިސާބުން އެ މައްސަލައިގެ ތަފްސީލުވެސް ހާމަ ކުރައްވާނެ ކަމަށެވެ. އެގޮތުން މާދަމާގެ ވަގުތެއްގައި އެ މައުލޫމާތު ފުލުހުންގެ ފަރާތުން ހާމަކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.