ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެސްޓޭޓް އޮފިސަރެއްގެ މަގާމުގައި ކުރިންހުރި މުވައްޒަފަކު، ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ވިއްކާނެކަމަށްބުނެ، އޮޅުވާލައިގެން އަމިއްލަ ފަރާތަކުން 550,000.00 ރުފިޔާ ނަގާފައިވާ މައްސަލާގައި ދައުވާކޮށްދިނުމަށްއެދި މިއަދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، އެޗްޑީސީގެ އެސްޓޭޓް އޮފިސާގެ މަގާމުގައި ކުރިންހުރި ކ.މާލެ، މ.ސީވިންޑް، ފުތިހަ ޝާކިރު ގެ މައްޗަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނީ 2022 ވަނަ އަހަރު އެޗްޑީސީގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 2,600 އަކަފޫޓުގެ ބިމެއް ވިއްކާނެކަމަށް ބުނެ، ފުތިހަ ޝާކިރު، އެޗްޑީސީގެ ނަމުގައި ސައްހަނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، ޖުމްލަ 550,000.00 ރުފިޔާ އަމިއްލަ މީހެއްގެ އަތުން ހޯދާފައިވާކަން ތަހުގީގުން ހޯދިފައިވާ ކަމަށެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދަޢުވާ ކަމަށް އޭސީސީން ބުންޏެވެ.
އަދި ބިން ވިއްކާނެކަމަށްބުނެ ފުތިޙަ ޝާކިރު ހޯދާފައިވާ 550,000.00 ރުފިޔާ އެ ދައުވާގެ ތެރެއިން ހޯދުމަށްވެސް އެދިފައިވާނެެ ކަމަށް އޭސީސީން ބުންޏެވެ،