ރައީސް ޑރ. މުޙަންމަދު މުއިއްޒުގެ ދޮށީ ފިރިގެން ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް، އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާާޕާސަން ފައްޔާޒް އިސްމާއީލް އަދި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ކުރި ދައުވާއަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އެ ބޭފުޅުންގެ ދިފާއުގައި ރައްދު ދެއްވައިފިއެވެ.
މިކަމާއި ގުޅިގެން ޝާހިދު، ސޯޝަލް މީޑިޔާގައި ވިދާޅުވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒާއި ޕާޓީގެ އިސް ހަރަކާތްތެރިންގެ މައްޗަށް އެކި ނަންނަމުގައި ދައުވާ އުފުލައި، މައްސަލަތައް ބެލުމަށް ކުރާ ކަންމަކީ، ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނި ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ހިންގާ ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ އެމްޑީޕީގެ އިސްބޭފުޅުންނާއި އިސްހަރަކާތްތެރިންނަށް ކުރާ ދައުވާއިން އެމްޑީޕީ ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.
"ތިޔަގޮތަށް ކޮށްލާ ދަޢުވާއަކުން ނުވަތަ ފޮނުވާލާ ޗިޓަކުން، އެމްޑީޕީގެ ލަޝްކަރު ފަހަތަށް ނުޖެއްސޭނެ" ޝާހިދު ވިދާޅުވިއެވެ.
މި ދައުވާތައް ކުރައްވަނީ ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙަންމަދުގެ ފަރާތުންނެވެ. އެއީ ހުސްވި ރޯދަ މަހު އެމްޑީޕީން ބޭއްވި މުޒާހަރާގައި ރައީސްގެ ދަރިކަލެއްގެ ކަރާމާތަށް ގެއްލުންވާ ފަދަ ވާހަކައެއް މަންދީ ދެއްކި ކަމަށް ބުނެއެވެ. މި މައްސަލައިގައި އެމްޑީޕީއަށް ދައުވާ ކުރަނީ އެއީ ޕާޓީން ރާވައިގެން ހިންގި ހަރަކާތަކަށްވާތީ ކަމަށާއި، އަދި ފައްޔާޒަށް ދައުވާ ކުރަނީ މަންދީއަށް ހިތްވަރުދީ ޓްވީޓު ކުރުމުން ކަމަށް ސާޖިދާގެ ފަރާތުން މީގެކުރިން ވަނީ ހާމަ ކުރައްވާފައެވެ.