ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރަން ސައުދީ ފަންޑުން 17 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދީފިއެވެ.
މި ލޯނު އެއްބަސްވުމުގައި ރާއްޖެ އާއި ސައުދީ ފަންޑުން ސޮއި ކުރީ މިއަދުގެ ވަގުތެއްގައެވެ. އެއްބަސްވުމުގައި ރާއްޖެއިން ސޮއި ކުރެއްވީ ފިނޭންސް އެންޑް ޕްލޭނިންގ މިނިސްޓަރ މޫސާ ޒަމީރެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލްމުރްޝިދެވެ.
މި އެއްބަސްވުމުގެ ދަށުން ދޫކުރާ ލޯނުގެ އަދަދަކީ 63،750،000.00 (ފަސް ދޮޅަސް ތިން މިލިއަން ހަތް ސަތޭކަފަންސާސް ހާސް) ސައުދީ ރިޔާލް ނުވަތަ 17 މިލިއަން ޑޮލަރެވެ. ސަރުކާރުން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ހަމަޖެހިގެން ދިޔަ އިތުރު މާލީއެހީގެ ސަބަބުން މި މަޝްރޫޢުގެ މަސައްކަތް އަވަހަށް ނިންމުމަށް އިތުރުބާރަކަށް ވެގެންދާނެ ކަމަށެވެ.
އަދި މި މަޝްރޫޢު ނިމުމާއިއެކު، ރާއްޖެއަށް އިޤްތިޞާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ވެސް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިންނަށާއި އިތުރު އެއާލައިންތަކަށް ޖާގަ ލިބި، ފަތުރުވެރިކަމާއި، ވިޔަފާރި އަދި ދަތުރުފަތުރުފަދަ އިޤުތިޞާދީ ތަރައްޤީއާއި ގުޅުންހުރި ސިނާއަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ޤައުމީ އުފެއްދުންތެރި ކަމުގައި އެންމެ އިސްދައުރެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ