އަދަބީ ދާއިރާގައި ލިޔުންތެރިކަމުގެ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މަޑުލު މުޙަންމަދު ވަޙީދު މިއަދު އަވަހާރަ ވެއްޖެއެވެ.
އުމުރުފުޅުން 77 އަހަރުގައި ވަޙީދު މިއަދު އަވަހާރަވީ، ސިއްޙީ ހާލުކޮޅު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
މަޑުލު ވަހީދަކީ ލިޔުންތެރިކަމުގެ ރޮނގުގައި ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ކުޅަދާނަ އެއް ލިޔުންތެރިޔާއެވެ. ވަޙީދަށް ވަނީ ލިޔުންތެރިކަމުގެ ރޮނގުން ޝަރަފްވެރިކަމުގެ ގައުމީ އިނާމުވެސް ލިބިވަޑައިގެންފައެވެ.
ލިޔުންތެރިކަމުގެ އިތުރުން ނޫސްވެރިކަމުގެ ރޮނގުންވެސް ވަހީދަކީ ފާހަގަ ކޮށްލެވޭ ޚިދުމަތްތެރިއެކެވެ. އޭނާއަކީ ދިވެހި ބަހުގެ ފުންނާބު އުސް މާހިރެކެވެ. ދިވެހި ބަހުގެ ތަފާތު ޕްރޮގްރާމްތައް ހިންގަވައި، ކިޔަވައިދެއްވާފައިވެސް ވެއެވެ.