ސައުދީ ޑިވެލޮޕްމަންޓު ފަންޑުގެ ލޯނުގެ ދަށުން 400 ފްލެޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މި ފްލެޓްތައް އަޅަނީ ހުޅުމާލޭ ފޭސް ދޭއްގައެވެ. މި މަޝްރޫއު ފެށުން އޮތީވެސް ފޭސް ދޭއްގައެވެ. މަޝްރޫއު ފައްޓަވައި ދެއްވީ ފިނޭންސް އެންޑް ޕްލޭނިންގ މިނިސްޓަރ މޫސާ ޒަމީރާއި ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލްމަރްޝަދެވެ.
މި މަޝްރޫއާބެހޭ ގޮތުން ހައުސިންގ މިނިސްޓްރީން ބުނީ މިއީ ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ލިބޭނެ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތައް އަގުހެޔޮކޮށް ދޫކުރެވޭނެ ގޮތެއް ހަދާނެ ކަަމަށްވެސް ބުންޏެވެ.
މި މަޝްރޫއު ފައްޓަވައި ދެއްވުމަށްފަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މި މަޝްރޫއަކީ ހައުސިންގ މަޝްރޫއުތަކުގެ އުންމީދީ ކުރިއެރުމެއް ކަމަށާއި، މި މަޝްރޫއުގެ ސަބަބުން މާލޭގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށެވެ.
ސައުދީ ފަންޑަކީ އަބަދުވެސް ރާއްޖެއަށް ލޯނުދީ އެހީވަމުން އަންނަ ތަނެކެވެ. ސައުދީ ފަންޑުން ވަނީ ވެލާނާ އެއާރޕޯޓުގެ އާ ޓާމިނަލް ތަރައްގީ ކުރަންވެސް 17 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދީފައެވެ.