އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު“ އިސްލާހުކޮށް،އުފެއްދިތާ ތިން އަހަރުވެފައިވާ ސައިކަލުތަކާއި އުފެއްދިތާ ފަސް އަހަރުވެފައިވާ ސައިކަލް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެ ގަވާއިދު ގެޒެޓް ކޮށްފައިވަނީ މިއަދެވެ. އެ ގަވާއިދުގައިވަނީ ދެ ފުރޮޅުލީ އުޅަނދާއި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކޮށް ނުދެވޭނެ އުމުރުތައް ކަނޑައަޅައިފަ އެވެ.
ރަޖިސްޓްރީކޮށް ނުދެވޭނެ އިންޖީނުލީ އުޅަނދުގެ އުމުރު:
– ބޭނުންކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން އިންޖީނު ކެޕޭސިޓީ 250 ކިއުބިކް ސެންޓިމީޓަރު ނުވަތަ އެއަށް ވުރެ ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު.
– އުފެއްދި ތާރީހުން ފެށިގެން ތިން އަހަރު ދުވަހަށް ވުރެ އިތުރުވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު.
– އުފެއްދި އަހަރުން ފެށިގެން ފަސް އަހަރަށް ވުރެ އިތުރުވެފައިވާ ކާރު، ވޭން، ބޭސް ލޭންޑްރޯވާ ފަދަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެއްގަމު އުޅަނދާއި އުފުލޭ ބަރުދަން އެއް ޓަނު ހަމަނުވާ އެއްގަމު އުޅަނދު.
– އުފެއްދި ތާރީހުން ފެށިގެން ހަތް އަހަރަށް ވުރެ އިތުރުވެފައިވާ، އުފުލޭ ބަރުދަން އެއް ޓަނުން ފެށިގެން ހަތަރު ޓަނު ހަމަނުވާ އެއްގަމު އުޅަނދު.
– އުފެއްދި އަހަރުން ފެށިގެން 15 އަހަރު ދުވަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަސްވެފައިވާ އުފުލޭ ބަރުދަން 10 ޓަނުން ފެށިގެން މަތީގެ އެއްގަމު އުޅަނދު.
ގަވާއިދުގައިވާ ގޮތުން އުމުރު ހަމަނުވާ އުޅަނދުތައް ރަޖިސްޓްރީ ވެސް ނުކުރެވޭނެ އެވެ.
ނަމަވެސް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތަށް އުމުރު ހަމަވެފައިވާ އުޅަނދުތައް އެތެރެކުރެވޭނެ ކަމަށާއި އަދި އެފަދަ އުޅަނދުތައް ރަޖިސްޓްރީކޮށްދިނުމުގެ އިހުތިޔާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ބުންޏެވެ.