މިވަގުތު ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ މާދަމާ ޖޭއެސްސީއަށް ހާޒިރުވާން އަންގައިފިއެވެ.
ދެ ފަނޑިޔާރުންގެ ތެރެއިން އަޒްމިރަލްދާއަށް އަންގާފައި ވަނީ މާދަމާ ހެނދުނު 10 ޖަހާއިރަށް ހާޒިރުވާށެވެ. މަހާޒް ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރު 12 ޖަހާއިރުއެވެ.
ޖޭއެސްސީން ބަލަމުން ދަނީ މަހާޒަށާއި އަޒްމިރަލްދާ ނުފޫޒުގެ ބޭނުން ކުރެއްވި ކަމުގެ ތުހުމަތުގެ މައްސަލައެކެވެ. އެއީ އަޒްމިރަލްދާގެ ފިރިކަލުން ސްޕާއަކުން އަތުލައިގަނެގެން މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ފިރިކަލުން ދޫކޮށްލި ކަމުގެ ތުހުމަތެވެ. ނަމަވެސް މި ތުހުމަތަށް ދެ ފަނޑިޔާރުންވެސް ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ.
މަހާޒްވެސް އަދި އަޒްމިރަލްދާވެސް ވިދާޅުވެފައި އެކަމުގައި އެއްވެސް ފަނޑިޔާރަކަށް ގުޅައި، ނުވަތަ އެހެން ގޮތަކުންވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ.