އދ.ގެ ރައީސުންގެ ބައްދަލުވުމަކަށް ޝާހިދު ސްލޮވާކިއާއަށް ވަޑައިގެންފި

އދ.ގެ ރައީސުންގެ ބައްދަލުވުމަކަށް ޝާހިދު ސްލޮވާކިއާއަށް ވަޑައިގެންފި

އދ.ގެ ޢާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ މިއަހަރުގެ ބައްދަލުވުމުގައި ކުރީގެ ޚާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ކުރެއްވީ ޢަބްދުﷲ ޝާހިދެވެ. މިއަހަރުގެ ޔޫ.އެން ކައުންސިލް އޮފް ދަ ޕްރެޒިޑެންޓްސް އޮފް ދަ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުން އޮތީ ސްލޮވާކިއާގެ ބްރަޓިސްލާވާ ގައެވެ. މިއަހަރުގެ ބައްދަލުވުމަކީ މިކައުންސިލްގެ އެންމެ ގިނަ މެމްބަރުން ބައިވެރިވި ޖަލްސާކަން ސްލޮވާކިއާގެ ޚާރިޖީ ވަޒީރު ޖުރާޖް ބްލަނަރ ފާހަގަކުރެއްވިއެވެ. އދގެ ޢާއްމު މަޖިލީހުގެ މިދައުރުގެ ރައީސް ކެމަރޫންގެ ފިލެމޯން ޔެންގްގެ އުތުރުން ކުރިން ރައީސްކަން ކުރެއްވި 16 ބޭފުޅުން މިއަހަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.

ޢާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމަށްފަހު ނެރުނު ޤަރާރުގައި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު އަމަލުތަކާއި ޤަތުލުއާއްމު ކުއްވެރިކޮށްފައިވެއެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް އެކުލަވާލެވޭނެ "ޓޫ ސްޓޭޓް ސޮލިއުޝަން" އަކަށް ދެވޭނެ ސުލްހައިގެ މަގެއް ހޯދުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއަށް ލަފާ އަރުވާފައިވެއެވެ.

ކައުންސިލުން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތަކީ އަދި ވިސްނުމަކީ ސްލޮވާކިއާގެވެސް ވިސްނުން ކަމަށް ސްލޮވާކިއާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން އދގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރު ހަމަވުމުން، ދެން އެމަޤާމަށް ބޭފުޅަކު އައްޔަންކުރުމުގައި، ސަލާމަތީ މަޖިލީހުން އާއްމު މަޖިލީހަށް އެއް ނަމަށްވުރެ ގިނަ ނަން ހުށަހެޅުމަކީވެސް ޢާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ލަފައެކެވެ. އދގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަން ކުރުމުގެ ޕްރޮސެސް މިހާރަށްވުރެ ހަރުދަނާކުރުމަކީ އާއްމު މަޖިލީހުގެ ރިޔާސަތުގައި ޝާހިދު ހުންނެވިރުވެސް ވަކާލާތުކުރެއްވި ކަމެކެވެ. އަދި އދގެ ޢާއްމު މަޖިލީހުގެ ދެން އަންނަ ދައުރެއްގެ ރިޔާސަތަށް އަންހެން ބޭފުޅަކު ގެންނަވަންވެސް ބާރުއެޅުއްވިއެވެ. ސްލޮވާކިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޝާހިދު ވަނީ އެގައުމުގެ ބޮޑުވަޒީރު ރޮބަރޓް ފީކޯ އާއި ބްރަޓިސްލާވާގައި އިއްޔެ ބައްދަލުކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *