ފ. އަތޮޅު މަގޫދޫގައި މިދިޔަ ސަރުކާރުން ހަދަންފެށި އެއާޕޯޓުގެ މަސައްކަތް މި ސަރުކާރުން ހުއްޓާލާފައި އޮތުން ކުށްވެރި ކުރައްވައި، ފ. އަތޮޅުގައި އެއާޕޯޓެއްގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދޭން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ސަރުކާރަށް ގޮވާލައްވައިފިއެވެ.
ޝާހިދު މިފަދައިން ސަރުކާރަށް ގޮވާލެއްވިއިރު، މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައި އޮންނަތާ ދެތިން މަސްވެފައިވާއިރު، އެތަނަށް ގެންގޮސްފައިވާ ބަޔެއް ސާމާނު މ. އަތޮޅަށް ގެންދަން ދާދިފަހުން އެމްޓީސީސީން އުޅުމުން މަގޫދޫ މީހުން ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ.
އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައި އޮތުމުން ޝާހިދު މިއަދު އެކްސްގައި ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ފަށައި، މަސައްކަތުގެ ބޮޑުބަޔެއް މިހާރު ނިމިފައި ވަނިކޮށް އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމަކީ ރައްޔިތުންގެ ފައިސާއަށްވާ ޚިޔާނާތެއް ކަމަށެވެ. އަދި ސަރުކާރު ބަދަލުވިޔަސް، ސަރުކާރުތަކުން ކުރިޔަށް ގެންގޮސްފައިވާ ޕްރޮޖެކްޓްތައް ބަދަލެއް ނައިސް ކުރިޔަށް ގެންދަންޖެހޭނެ ކަމަށެވެ.
"ނިމިދިޔަ އެމްޑީޕީ ސަރުކާރުން ތަރައްޤީ ކުރަން ފަށާފައިވާ ފ.މަގޫދޫ އެއާޕޯޓުގެ މަސައްކަތުގެ ބޮޑުބައި ނިމިފައި ވަނިކޮށް، އެ މަސައްކަތް ހުއްޓާލުން ކުށްވެރިކުރަން. ސަރުކާރު ބަދަލުވުމުން ކުރީ ސަރުކާރުތަކުން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓްތަކަށް ބަދަލުގެނައުމާއި، ހުއްޓާލުމަކީ ދައުލަތަށް ނުހަނު ގެއްލުންވާކަމެއް. ރައްޔިތުންގެ ފައިސާއިން ކުރާ އިސްރާފެއް. ޚިޔާނާތެއް. މަގޫދޫ އާއި ފ.އަތޮޅުގެ ރައްޔިތުންނަށް އެއާޕޯޓުގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށް ދިނުމަށް ރައީސް މުޢިއްޒުގެ ސަރުކާރަށް ގޮވާލަން" ޝާހިދު ވިދާޅުވިއެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތަކީ، ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުގެ ވެރިކަމުގައި ފެށި ޕްރޮޖެކްޓެކެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއެކު މަސައްކަތް މަޑު ޖެހިލިއެވެ. އެއާއެކު ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި ފ. ނިލަންދޫގައި އެއާޕޯޓެއް އަޅަން ސަރުކާރުން ނިންމިއެވެ. އޭރުވެސް މަގޫދޫ އެއާޕޯޓު ހަދަން ގެނެސްފައިވާ ބަޔެއް ތަކެތި އެރަށުން ބާލަން އުޅުމުން އެރަށު ރައްޔިތުން ވަނީ އެއާޕޯޓު ސަރަހައްދަށް ނުކުމެ އިހުތިޖާޖު ކޮށްފައެވެ. މަޖިލިސް އިންތިޚާބުގެ ތެރޭގައި ފަހުން ސަރުކާރުން ވަނީ އަލުން އެއާޕޯޓުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް، މިހާރު އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައި އޮންނަތާ ދެތިން މަސްވެއްޖެ ކަމަށް އެރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.