ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީޓާމިނަލާއި ހަމައިން ފެށިގެން ގޮސް މަސްމާރުކޭޓާއި ހަމައަށް ތާރު އަޅައި މަގު ހެދުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށް ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތޮލިބު ވަނީ އެއްބަސްވުމުގައި ސޮއި ކުރައްވާފައެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 144.50 މިލިއަން ރުފިޔާއަށެވެ. އެއީ 455 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދައި، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ބުނެފައިވަނީ އެ މަގު ފުޅާކޮށް ތާރުއަޅައި އެ މަސައްކަތް ނިމިގެންދާއިރު، ފެން ހިންދާ ނިޒާމެއްވެސް ކުރެވިފައިވާނެ ކަމަށެވެ. އެހެންވެ ވިއްސާރައިގައި ފެންބޮޑުވުމުގެ މައްސަލައަސްވެސް ހައްލު އަންނާނެ ކަމަށެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެ މަގު ތަރައްގީކޮށް ނިމޭއިރު 4 ލޭނު އޮންނާނެ ކަމަށެވެ. އެއީ އުޅަނދު ދުއްވާ ފަރާތްތަކަށާއި ހިނގާ މީހުންނަށެވެ.