ރާއްޖޭގެ ސްކޫލްތަކުގައި ފާހަގަ ކުރަމުން އަންނަ އެކިއެކި ރަސްމިއްޔާތުތަކުގައި ޝަރަފްވެރި މެހެމާނުން ހަމަޖެއްސުމުގެ ބާރު އެޑިޔުކޭޝަން މިނިސްޓްރީއަށް ނަގައިފިއެވެ.
އެ ބާރު މިނިސްޓްރީއަށް ނެގީ "ސްކޫލްތަކުން ފާހަގަކުރާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހެމާނުން ހަމަޖެއްސުން" ސާކިއުލާއަށް ބަދަލުތަކެއް ގެނެސްގެންނެވެ. މި ބަދަލާއެކު ސްކޫލް ފެންވަރުގައި އޮންނަ ރަސްމިއްޔާތުތަކުގެ ޝަރަފްވެރި މެހެމާނަކީ އެއިރަކު އެ ސްކޫލަކު ހުންނަވާ ޕްރިންސިޕަލެވެ. ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީން ފާހަގަކުރާ ރަސްމިއްޔާތު ތަކުގައި ޝަރަފްވެރި މެހެމާން ނެގުމުގެ ބާރު އޮންނާނީ މިނިސްޓްރީއަށެވެ.
އެޑިޔުކޭޝަނުގެ ސާކިއުލާގައި ބުނެފައި ވަނީ، ސްކޫލްތަކުން ބާއްވާ ރަސްމިއްޔާތުތައް ޝަރަފުވެރި ކުރުމަށް ހަމަޖައްސާ މީހަކީ މުޖުތަމައު ގަބޫލުކުރާ، އަޚުލާގީ ގޮތުން ދަރިވަރުންނަށް ނަމޫނާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. މީގެއިތުރުން ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދޭން ޖެހޭނީވެސް އެ ދަރިވަރުންގެ އުމުރާ ގުޅޭ ގޮތަށެވެ.
ސާކިއުލާގައި އިތުރަށް ބުނެފައި ވަނީ ޝަރަފްވެރިމެހާނަކީ އެއްވެސް ބާވަތެއްގެ ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވި، އަދި އެފަދަ ތަހުގީގެއް ކުރިއަށްދާ މީހެއް ކަމުގައިވެސް ވެގެން ނުވާނެ ކަމަށެވެ. މީގެއިތުރުން އެފަދަ ކުށަކާއި ގުޅިގެން ހުކުމެއް ތަންފީޒުކޮށްފައިވާ މީހެއްނަމަ، އޭނާ އެހުކުމް ތަންފީޒުކުރިތާ މަދުވެގެން 10 އަހަރު ވެފައިވާންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ކުޑަ ކުއްޖަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރިކަމުގެ ކުށެއް ސާބިތުވެ، އެފަދަ ކުށުގެ ރެކޯޑު އޮތް މީހަކަށްވެސް ވެގެންނުވާނެއެވެ.
ޝަރަފުވެރި މެހެމާނުން ކަނޑައަޅާނެ ގިންތިތަށް:
- ސްކޫލް ފެންވަރުގައި ފާހަގަކުރާ އަހަރީ ދުވަހުގެ ރަސްމިއްޔާތުގެ ޝަރަފްވެރިމެހެމާން- އެ ސްކޫލެއްގެ ޕްރިންސިޕަލް ނޫނީ މިނިސްޓްރީއާއެކު މަޝްވަރާކޮށް ކަނޑައަޅާ ފަރާތެއް.
- ސްޓޫޑެންޓްސް ޕޯސްޓް އެވޯޑިން ސެރަމަނީގެ ޝަރަފްވެރިމެހެމާން- އެ ސްކޫލެއްގެ ޕްރިންސިޕަލް.
- ސްކޫލްގެ ގްރެޖުއޭޝަން ސެރަމަނީގެ ޝަރަފުވެރިމެހެމާން- އެ ސްކޫލެއްގެ ޕްރިންސިޕަލް.
- ޚާއްސަ އެސެމްބްލީ، ޔުނިފޯމް ހަރަކާތްތައް އަދި ސްކޫލް ފެންވަރުގައި ބާއްވާ ތަފާތު މުބާރާތްތަކުގެ ޝަރަފުވެރިމެހެމާން- އެ ސްކޫލެއްގެ ޕްރިންސިޕަލް، ނުވަތަ އެހެން ސްކޫލެއްގެ ޕްރިންސިޕަލް، ނުވަތަ ދާއިރާގެ ފަންނީ ބޭފުޅެއް.
މި ސާކިއުލާގައި ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި، މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަފީރުންނަކީ ވަކި ޕްރޮޓޮކޯލެއްގެ ތެރެއިން ކަންކަން ފަހިވެފައިވާ ބޭފުޅުން ކަމަށްވުމުން، އެފަދަ ބޭފުޅުން ސްކޫލްތަކުގެ ރަސްމިއްޔާތު ތަކަށް ދައުވަތު ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ސީދާ އެޑިޔުކޭޝަން މިނިސްޓްރީން ކަމަށެވެ. ނަމަވެސް އެފަދަ ބޭފުޅުންނާއި އެބޭފުޅުންގެ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުންގެ އެ ސްކޫލަކަށް ވަޑައިގަތުމަށް ހިނގާ ޚަރަދު ފިޔަވައި އެހެން ހުރިހާ ޚަރަދެއް ކުރަންވާނީ ސްކޫލުން ކަމުގައިވެސް ބުނެފައިވެއެވެ.