މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން, ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
ފުލުހުން ޝަމްއާން ހައްޔަރުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރުކުރިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން ޝަމްއާން ވަކިކުރައްވައިފަ އެވެ.
ޝަމްއާން ހައްޔަރުކޮށް އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ. ކުރިމިނަލް ކޯޓުގެ އެ އަމުރު ޝަމްއާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.
ފުލުހުން މިއަދު ބުނީ ޝަމްއާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ޝަމްއާންގެ އިތުރުން ހަތަރު މީހަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކުރި އެވެ. އަދި އެ މައްސަލާގައި އިތުރު ބަޔަކު ފުރުން މަނާކޮށް އަދި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ.
މި މައްސަލައިގެ މައުލޫމާތު ހާމަކުރަމުން ފުލުހުން މީގެ ކުރިން ބުނެފައިވަނީ އީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގެސްޓްހައުސްއަކުން އަތުލައިގަތް ބިދޭސީއެއްގެ ފައިސާ އެވެ. އަދި އެ ފައިސާ ހޯދާފައި ވަނީ އޭނާ ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ ތިން މުވައްޒަފަކު އެ މީހާއާ މަގުމަތިން ބައްދަލުކުރުމަށް ފަހުގައި ކަމަށާއި އެ ފައިސާ ގެންދިޔައީ ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.