މިވަގުތު އިދިކޮޅު މައި ޕާޓީގެ ގޮތުގައި އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އެމްޑީޕީގެ ތެރެއިން އިސްބަޔަކު ވަކިވެ އުފެއްދި ދަ ޑިމޮކްރެޓްސް އަލުން ގުޅުމުގެ ވިސްނުން އައުމާއެކު ޚިޔާލުތައް ވަނީ ދެކަފި ވެފައެވެ. އެއްބަޔަކު ރުޅި އައިސް ރަތަށް އަރާފައެވެ. ބަޔެއް މީހުން ދިނީ ފިނި ތަރުޙީބެކެވެ. އަނެއް ބަޔަކަށް އެގޮތްވެސް އޯކޭއެވެ.
އެއްބަޔަކަށް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އަލުން ގުޅުން އެއީ މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި މުހިންމު ކަމެކެވެ. އަނެއް ބަޔަކަށް އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫނެވެ. ދެ ޕާޓީ ގުޅުމަކީ މިހާރަށް ބަލާއިރު ރާއްޖެއަށް އެންމެ ފައިދާހުރި ގޮތް ކަމުގައި އާންމުންގެ ތެރޭގައި އެންމެ ފުރަތަމަ ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމުން ޕާޓީގެ ތެރޭގައި އުފެދުނު އަރައިރުންތަކުގެ ތެރެއިން ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފެއްދުމުގެ އެންމެ ކުރީގައި ހުންނެވި ކުރީގެ ރައީސް މުޙަންމަދު ނަޝީދެވެ. ނަޝީދުގެ ޓްވީޓު ވެގެންދިޔައީ އެއްބަޔަކަށް ރަނގަޅު ޓްވީޓަކަށެވެ. އަނެއް ބަޔަކަށް ހެއްވާ މަޖާ ޓްވީޓަކަށެވެ. އަނެއް ބަޔަކު އިންތިހާއަށް ރުޅިއައި ވާހަކައަކަށެވެ.
ނަޝީދުގެ ޓްވީޓާއި ގުޅިގެން އެކަމަށް އެންމެ ފުރަތަމަ އޯކޭ ދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ. ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު ބަލިކުރުމަށް އެމްޑީޕީއާ ގުޅެން ތިބި ބަޔަކާ ގުޅުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ހަމައެއާއެކު ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީވެސް ވިދާޅުވީ، ނަޝީދުގެ ވާހަކައަށް މަރުޙަބާ ކަމަށެވެ.
މި ބަހުސްގައި އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން އެއްޗެއް އަދި މިހާތަނަށް ވިދާޅުވީ ފައްޔާޒް އެކަންޏެވެ. އެމްޑީޕީގެ ޚާއްސަ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި މިހާތަނަށް ސޯޝަލް މީޑިޔާގައި ވަކި އެއްޗެއް ވިދާޅެއްނުވެއެވެ. އެހެންވެ އެއިން ބޭފުޅެއްގެ ވިސްނުމެއް އަދި އާންމުންނާއި ހަމައަށް ތިލައެއްނުވެއެވެ.
ނަމަވެސް އެމްޑީޕީގައި ސިޔާސީ އެތައް މަސައްކަތެއް ކުރައްވާފައިވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ވިސްނުމުގައި ޑިމޮކްރެޓްސް ގެނެސް އެމްޑީޕީގެ ތެރެއަށް ވެއްދުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. މޫސަ ވިދާޅުވީ ޑިމޮކްރެޓްސްއަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ބައިވެރިއެއް ކަމަށެވެ. އެހެންވެ ސަރުކާރުގެ ބައިވެރިޔަކު ގެނެސް އިދިކޮޅު މައި ޕާޓީގެ ތެރެއަށް ވެއްދުމަކީ މޫސަ ބަލައިގަންނަ ކަމެއްނޫނެވެ. އެކަމާ މޫސަ އިންތިހާއަށް ދެކޮޅެވެ.
މޫސަ އެ އިޝާރާތް ކުރައްވަނީ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ގިނަ އަދަދެއްގެ އާންމު މެމްބަރުން ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކާއި އެމްބަސީތަކުގެ ވަޒީފާގައި އަދިވެސް ތިބުމަށެވެ. އެ މެމްބަރުން ސަރުކާރު ޕްރޮމޯޓް ކުރުމުގައިވެސް އަދިވެސް ދެމިތިބުމަށެވެ. ޑިމޮކްރެޓްސްގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް ނަޝީދާއި، އެމަނިކުފާނުގެ އެންމެ އަރިސް ބަޔެއް ބޭފުޅުން މިހާތަނަށް އައިއިރުވެސް ސަރުކާރާ ދެކޮޅަށް ބަހެއް ވިދާޅުނުވެ ހިމޭނުން ތިއްބެވުމަށެވެ. ޚުދު ރައީސް ނަޝީދުވެސް މިހިސާބަށް އައިއިރުވެސް ސަރުކާރާ ދެކޮޅަށް ބަސްފުޅެއް ވިދާޅުނުވާތަނުގައި ރައީސް ޑރ. މުއިއްޒަށް ރައީސް ނަޝީދުގެ ތައުރީފު ދޭތެރެދޭތެރެއިން ޓްވީޓު ތަކުން ފެންނަމުން ދިޔުމުގެ ކަންބޮޑުވުމެވެ. އެ ސަބަބުތަކާހުރެ މޫސަ ގަބޫލު ކުރައްވަނީ ޑިމޮކްރެޓްސް އޮތީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ. ޑިމޮކްރެޓްސްއަކީ ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅު ޕާޓީއެއް ކަމަށް މޫސަ ގަބޫލެއް ނުކުރައްވައެވެ.
ދެން ތިބީ ދެ ޕާޓީގެ އާންމު މެމްބަރުންގެ ވިސްނުމެވެ. ޑިމޮކްރެޓްސްގެ އާންމު މެމްބަރުން ސޯޯޝަލް މީޑިޔާގައި ފާޅުކޮށްފައިވާ ޝުއޫރު ތަކަށް ބަލާއިރު ގިނަ މީހުން ބުނެފައި ވަނީ ނަޝީދުގެ ވިސްނުމަށް ތާއީދު ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވިޔަސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ދޭނެ ވޯޓެއް ދެން ނޯންނާނެ ކަމުގައި ބުނާ މީހުންވެސް އުޅެއެވެ.
އެމްޑީޕީގެ އާންމު މެމްބަރުންގެ ވިސްނުމަކަށް ބަލާއިރު މެޖޯރިޓީ މެމްބަރުންގެ ވިސްނުން ޑިމޮކްރެޓްސްދެކެ ތިބީ ރުޅި އައިސްފައެވެ. ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމުން އުފެދުނު ޒުވާބު ތަކަށްފަހު އެމްޑީޕީ ދޫކޮށް ގޮސް ޑިމޮކްރެޓްސް އުފެއްދުމުން އެކަންޏެއްނޫނެވެ. "އިބޫ ނޫން ގޮތެއް" ހޯދަންޖެހޭ ކަމަށް ބުނެ، އަދި އެމްޑީޕީ "ރޫޅާލާނަން" ކަމަށްބުނެ، ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ބައިއަތު ހިފައިގެން ޑިމޮކްރެޓްސް ނުކުތުން އެއީ އެމްޑީޕީގެ އާންމު މެމްބަރުންގެ ރުޅި އަދިވެސް އޭރު ހުރި ހޫނު ކަންމަތީގައި ހުރި މައިގަނޑު ސަބަބެވެ. އެމްޑީޕީގެ އާންމު މެމްބަރުން ބުނަމުންދާ ވާހަކައަކީ އެމްޑީޕީގެ ވެރިކަން ބަދަލުކޮށްލީ ސީދާ ޑިމޮކްރެޓްސް ކަމަށެވެ. ހަމަ މި މޭރުމުން އޭރުގެ ރައީސް އިބޫވެސް ބަޔެއް ޖަލްސާ ތަކުގައި ކުރިން ވިދާޅުވެފައިވެއެވެ. އިބޫ ވިދާޅުވެފައި ވަނީ އެމްޑީޕީއާއެކު ޑިމޮކްރެޓްސް އޮތްނަމަ އޭރު ވެރިކަން ދެމެހެއްޓުނީސް ކަމަށެވެ. އިންތިޚާބުން ބަލިވުމުގައި ޑިމޮކްރެޓްސްއިން އެމްޑީޕީއާ ދެކޮޅަށް އެރުމަކީ ރައީސް އިބޫގެ ވެރިކަން ނިމުމަކަށް އައި ސަބަބު ކަމުގައި ގިނަބަޔަކުވެސް ގަބޫލު ކުރެއެވެ.
ޚިޔާލު ތަފާތުވެ، ހޫނު ބަހުސްތަކާއި ހޫނު ރައްދުތައް ސޯޝަލް މީޑިޔާގައި އޮހެމުންދާއިރު، މި ހޫނު ބަހުސްގެ ތެރެއިން އެމްޑީޕީގެ ބަޔެއް މެމްބަރުން މިހާރު ގޮވާލަމުން ދަނީ ޚާއްސަ ކޮންގްރެސްއެއް ބާއްވައިދިނުމަށެވެ. މިކަން ގޮސް ނިމޭނެ ހިސާބެއް ބަލަމާހެއްޔެވެ.