ހުޅުމާލެ އަޒީޒާ މިސްކިތުގައި އީދު ނަމާދު ކުރުމަށް އިމާމުކަން ހަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތުން މިއަދު މިސްކިތަށް ހާޒިރުވެފައި ނުވާތީ އެ ދެ އިމާމުންނަށް ފިޔަވަޅު އެޅުމަށް އަންގައިފި އެވެ.
މިދިޔަ އަހަރުން ފެށިގެން މިސްކިތްތަކުގައްޔާއި މައިދާން ތަކުގައި އީދު ނަމާދު ކުރަން ފަށަނީ ހެނދުނު 7:00 ގަ އެވެ. އެހެންނަމަވެސް އެ ގަޑިއަށް އަޒީޒާ މިސްކިތުގައި ނަމާދު ކުރުމަށް އިމާމުކަން ހަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތުން ހާޒިރުވެފައެއްނުވެ އެވެ. ދެ އިމާމުން މިސްކިތަށް ނައުމުން އެ މިސްކިތުގައި އީދު ނަމާދު ފަށާފައި ވަނީ 7:15 ހާއިރު ކަމަށްވެ އެވެ.
އެކަމާ ގުޅޭގޮތުން މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަޒީޒާ މިސްކިތުގައި އީދު ނަމާދު ކުރުމަށް އިމާމުކަން ހަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތުން މިއަދު މިސްކިތަށް ހާޒިރުވެފައި ނުވާ ކަަމަށެވެ.
"އުސޫލުގެ ތެރެއިން މައްސަލަ ބަލައި 5 އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ހުތުބާ ކިއުމުން ސަސްޕެންޑް ކުރަން އަންގާފައިވާނެ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަޖައްސާފައި ވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމު ކަމަށާއި އިސްލާމިކް މިނިސްޓްރީއަށް ނާންގައި ޖަމާއަތަށް ހާޒިރު ނުވާތީވެ، އެ މައްސަލަވެސް ވަކިން ބަލާނެ ކަަމުގައެވެ. އަދި އޮންނަ އުސޫލުގެ ތެރެއިން އިމާމު ކަމުގެ ވަޒީފާއިން ސަސްޕެންޑް ކުރަން ކަމާބެހޭ ޔުނިޓަށް އަންގާފައިވާކަން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.