އަންނަ އަހަރުން ފެށިގެން ރޯދަ މަހު ސްކޫލުތައް ބަންދުކުރަނީ

އަންނަ އަހަރުން ފެށިގެން ރޯދަ މަހު ސްކޫލުތައް ބަންދުކުރަނީ

ކިޔަވައިދޭ ދުވަސްތައް ނޫނީ ގަޑިތައް ނުގެއްލޭގޮތަށް، ކޮންމެ އަހަރަކު ވެސް މުޅި ރަމަޟާން މަސް އެއްކޮށް ސްކޫލުތައް ބަންދުކުރެއްވުމަށް ހަމަޖައްސަވައިދެއްވޭތޯ ބެއްލެވުމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާޢީލް ޝަފީޢުއަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން "ރައްޔިތުންނާ އެކު" މި ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރު އެކަޑެމިކް ކަލެންޑަރުގައި ހަމަޖެއްސުމަށް ކުރިން އޮތީ މި އަހަރުގެ ރޯދަމަހުގެ އެއް ހަފުތާ ފިޔަވައި މުޅި ރޯދަމަސް ބަންދުކުރާ ގޮތަށް ކަމަށެވެ.

"މިހާރު އަޅުގަނޑުވާނީ އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވާފައި ބައްލަވާދެއްވާށޭ ދެން އޮތް ކޮންމެ އަހަރެއްގައި ވެސް މުޅި ރޯދަ މަސް އެއްކޮށް ބަންދު ކުރުމަށް ހަމަޖެއްސޭތޯ، ކިޔަވައިދިނުމަށް އެއްވެސް ވަރަކަށް ގަޑިތައް ނުގެއްލޭ ގޮތަށް މުޅި އަހަރު ތެރޭ ހަމަޖައްސައިގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރޯދަމަހު ސްކޫލްތައް ބަންދުކުރުމުން ދަރިވަރުންގެ ބެލެނިވެރިން ވެސް އެކަން ބަލައިގަތް ކަމަށެވެ. ރޯދަމަހު ސްކޫލްތައް ބަންދުކުރުމުގެ ސަބަބުން ބެލެނިވެރިންނާއި ދަރިވަރުން ވެސް އަޅުކަމުގައި މަޝްއޫލުވެ އުޅެ، އެކުގައި ވަގުތު ހޭދަ ކުރުމަށް ލިބިގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރޯދަށްމަހަށް ފަހު އަންނަ ފިތުރު އީދުގެ ބަންދާ ގުޅިގެން، ސަރުކާރުން އިސްނަގައިގެން، މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކުރަން ޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *