ބިންވެރިޔާ ސްކީމުގެ ހިޔާނާތާ ގުޅިގެން ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ޕާސްޕޯޓް ދޫކޮށްލައިފި

ބިންވެރިޔާ ސްކީމުގެ ހިޔާނާތާ ގުޅިގެން ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ޕާސްޕޯޓް ދޫކޮށްލައިފި

"ބިންވެރިޔާ" ސްކީމުގެ ހިޔާނާތާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓައިފައިވާ މީހުންގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ފުލުހުން ބަލަން ފެށީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ. އެ މައްސަލައިގެ ތުހުމަތައް ފުލުހުން ވަނީ އެޗްޑީސީގެ އޭރުގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެ ޕާސްޕޯޓާއި އެ ކުންފުނީގެ ބައެއް އިސްވެރިންގެ ޕާސްޕޯޓުގެ އިތުރުން ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް މީހުންގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ހިމެނެ އެވެ. މީގެ އިތުރުން ފުލުހުން ވަނީ ފަޒުލްގެ ބޭބެ، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދުގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.

އެ ހިޔާނާތުގެ ތުހުމަތުގެ މައްސަލައާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެޗްޑީސީ ބަލައިފާސްކޮށް މައްސަލައާ ގުޅޭ ބައެއް ލިޔެކިޔުންތައް ގެންގޮސްފައެވެ. ފުލުހުން ވަނީ ފަޒުލްގެ މައްޗަށް ފޯޖަރީގެ ތުހުމަތުކޮށްފަ އެވެ.

"މާލޭ ޓައިމްސް" އަށް މައުލޫމާތު ދިން މި މައްސަލައިގެ ތަހުގީގުގެ ކުރިއަށްދާ ގޮތުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ހޯމް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ފުލުހުން ޕާސްޕޯޓް ހިފަހައްޓައިފައިވާ ހުރިހާ މީހުންގެ ޕާސްޕޯޓް ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އޭސީސީން ހިފަހައްޓައިފައިވާ މީހުންގެ ޕާސްޕޯޓް ދޫކުރި ކަމެއް އަދި އެނގިވަޑައިގެންފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކުރި މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރެއިން 9 މީހެއްގެ ޕާސްޕޯޓު މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ދޫކޮށްލި އެވެ. އެ މީހުންގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ މަޝްވަރާކޮށް, ޕީޖީގެ ލަފާގެ މަތިން ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ. އެހެންނަމަވެސް އެ މީހުންގެ ތެރޭގައި ފަޒުލް އާއި ފަޒީލް ނުހިމެނެ އެވެ.

ނަމަވެސް ފަޒުލްގެ ޕާސްޕޯޓް ދޫކޮށްފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެޗްޑީސީގެ އޭރުގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން ސަސްޕެންޑްކުރި އެވެ. ސަސްޕެންޑްކޮށްފައިވަނިކޮށް ތަހުގީގަށް ފުރުސަތު ދިނުމަށާއި ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ ފަޒުލް ވަނީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ފަޒުލް އިސްތިއުފާ ދެއްވުމުން އެޗްޑީސީއަށް އާ މެނޭޖިން ޑިރެކްޓަރަކު އައްޔަންކުރި އެވެ. އެކަމާ ގުޅިގެން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން ޕީސީބީން ނިމުމަކަށް ގެނަ އެވެ.

މައްސަލަ އާ ގުޅިގެން އެޗްޑީސީން 15 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވެ އެވެ. އެފަހުން އެ މީހުންގެ ވަޒީފާ އިއާދަކޮށް، ސަސްޕެންޑްކުރި އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ ސަސްޕެންޝަން މިދިޔަ ފެބްރުއަރީ މަހު ވަނީ އުވާލާފަ އެވެ.

ފަޒީލުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ އެކު އެމްޑަބްލިއުއެސްސީން ވަނީ ހުރިހާ ޒިންމާތަކަކުން އޭނާ ވަކިކޮށް، އޮފީހަށް ނުނިކުމޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.

މައްސަލަ އާ ގުޅިގެން އޭރުގެ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭހެން 9 މުވައްޒަފަކު ވެސް ސަސްޕެންޑްކޮށްފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *