ސާމިޔާ ޒަކަރިއްޔާގެ އިލްތިމާސް: ޢިލްމްވެރިންނަށް ހެދިގެން މަޝްހޫރުވާން ޢިލްމްވެރިންގެ ތާކިހާ ނާޅާށެވެ.

ސާމިޔާ ޒަކަރިއްޔާގެ އިލްތިމާސް: ޢިލްމްވެރިންނަށް ހެދިގެން މަޝްހޫރުވާން ޢިލްމްވެރިންގެ ތާކިހާ ނާޅާށެވެ.

އިސްލާމް ދީނުގެ ކަންކަމާބެހޭ ގޮތުން ވާހަކަ ދައްކާ ކޮންމެ މީހަކީ ދީނީ ޢިލްމްވެރިއެއް ނޫން ކަމަށާއި އެފަދަ ބަޔެއް މީހުންނާމެދު ސަމާލުވުމަށް ދީނީ ޢިލްމްވެރިޔާ އުސްތާޒާ ސާމިޔާ ޒަކަރިއްޔާ އިލްތިމާސް ކުރައްވައިފިއެވެ.

ދީނީ ކަންކަމާބެހޭ ގޮތުން ބަޔެއް ފަރާތްތަކުން "މަޝްހޫރުކަން ހޯދަން" ދީނީ ވާހަކަތަކުން ޕޯސްޓްކޮށް އާންމުންގެ ތެރޭގައި ފަތުރަމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ސާމިޔާ ޒަކަރިއްޔާ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދީނީ ޢިލްމް ޙާސިލު ކުރައްވައިގެން ތިއްބެވި ޢިލްމްވެރިން ރެޔާއި ދުވާލު ޢިލްމް ފެތުރުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ޢިލްމްވެރިން ނޫން މީހުންވެސް ދީނީ ޢިލްމްވެރިއެއް ކަމަށް ދައްކަން މަސައްކަތް ކުރަމުން ގެންދާކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.

"ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ދީނާއި ބެހޭ ގޮތުން ވާހަކަ ދައްކާ ކޮންމެ މީހަކީ ދީނީ ޢިލްމުވެރިއެއް ނޫނެވެ! ޝައިޚުންނެއް ނޫނެވެ! އެފަދަ ބައެއް މީހުންނާއި މެދު ސަމާލުވާށެވެ. ދީނީ ޢިލްމަކީ މާތް الله އިޚްތިޔާރުކުރައްވާ މީހުނަށް ދެއްވާ ޢިލްމެކެވެ. ކޮންމެ ކަމެއް ވެސް އިރާދަކުރައްވާ މިންވަރު ކުރައްވާ ފަރާތުންނެވެ. ދީނީ ޢިލްމު ލިބުމަކީ ޒިންމާއެކެވެ." ސާމިޔާ ޒަކަރިއްޔާ ވިދާޅުވިއެވެ.

އުސްތާޒާ ސާމިޔާ ވިދާޅުވި ގޮތުގައި ދީނީ ޢިލްމްވެރިން ނޫން މީހުން ދީނީ ވާހަކަ ދައްކައި، ދީނީ ޢިލްމްވެރިންނަށް ކުޑައިމީސްވާ ގޮތަށް ޕޯސްޓްކޮށް މަޝްހޫރުކަން ހޯދަން މަސައްކަތް ކުރުމަކީ މައްސަލައެކެވެ. އެފަދަ ފަރާތްތަކުން ދީނީ ޢިލްމްވެރިންނާމެދު ދޮގު ވާހަކަ ފަތުރަމުން އަންނަކަންވެސް ސާމިޔާ ޒަކަރިއްޔާ ފާހަގަ ކުރެއްވިއެވެ.

"އެފަދަ މީހުން ދިނީ ޢިލްމުވެރިންނަށް ކަމެއް ނުވާކަމަށް ދައުވާ ކުރާއިރު، މިރާއްޖޭގައި ހިލޭސާބަހަށް އެއްމެ ބޮޑު ޚިދުމަތެއް ކޮށްދެނީ ދީނީ ޢިލްމުވެރިންނެވެ. ރެއާއި ދުވާލު މީސްތަކުންގެ ކޯލްތަކާއި މެސެޖުތަކަށް ޖަވާބުދެއެވެ. ދަންވަރަކަސް ފަތިހަކަސް އެކަމުގައެވެ. މިކަންކަން ނޭނގޭ ޙާލު ޢިލްމުވެރިން ބަދުނާމު ނުކުރާށެވެ" ސާމިޔާ ޒަކަރިއްޔާ ވިދާޅުވިއެވެ.

އިތުރަށް ސާމިޔާ ޒަކަރިއްޔާ ވިދާޅުވި ގޮތުގައި ޢިލްމްވެރިން ނޫނަސް ދީނުގެ ވާހަކަ ދެއްކިދާނެއެވެ.

"ނަމަވެސް ޢިލްމުވެރިންގެ ތާކިހާ ނާޅާށެވެ. އަދި އެމީހުން ބަދުނާމު ނުކުރާށެވެ." އިލްމްވެރިން ކަމަށް ހެދިގެން އުޅޭ މީހުންނަށް ސާމިޔާ ޒަކަރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *