ދީނީ ޢިލްމްވެރިޔާ އަލްއުސްތާޒާ ސާމިޔާ ޒަކަރިއްޔާ ސޯޝަލް މީޑިޔާއަށް ދޫކޮށްލެއްވީ ފިރިކަލުން ޑރ. މޫސާ އަންވަރު ބަދިގެއަށް ވަދެ ކައްކަން ހުންނެވި މަންޒަރު ދައްކުވައިދޭ ދެގަނޑު ފޮޓޯއެވެ. މި ދެގަނޑު ފޮޓޯ ވެގެންދިޔައީ ގިނަ ބަޔަކަށް ޝައުގުވެރިކަން ގެނުވި ދެ ފޮޓޯ ގަނޑަށެވެ. ރާއްޖޭގައި ފާހަގަ ކޮށްލެވޭ މަޝްހޫރު ޢިލްމްވެރިޔެއްގެ ކިބައިން އެ މަންޒަރު ފެނުމުންނެވެ. ފޮޓޯއާއެކު ސާމިޔާ ލިޔުއްވާފައި އޮތީ ކެއްކުމަކީ ފިރިކަލުން ނިކަން ޝައުގުވެރިވާ ކަމެއް ކަމަށެވެ.
މި ދެ ފޮޓޯ ގަނޑުން އަނބިކަނބަލުން ސާމިޔާ އާންމުންނަށް ދެއްވީ މެސެޖެކެވެ. އެއީ ކޮންމެހެން ފިރިކަލުން ބަދިގެއަށް ވަދެވަޑައިގެން ކައްކަވާތީ ފިރިކަލުންނަށް މަޝްހޫރުކަން ހޯދައިދިނުމަށް ދޫކޮށްލެއްވި އެއްޗެއްނޫނެވެ. ސާމިޔާ ދެއްވަން ބޭނުންފުޅުވި މެސެޖު ވަރަށް ސާފެވެ. ބަދިގެއަށް ވަދެ ކައްކައި ތަށިދޮވެ އެނޫންވެސް ކަންކަން ކުރުމަކީ ހަމައެކަނި އަންހެނުންނަށް ޚާއްސަ ކަމެއްނޫން ކަމާއި، އެއީ ފިރިހެނުންވެސް ކުރުން ރަނގަޅު ކަމެއް ކަމެވެ. ކައްކައި، ތަށިތެލި ދޮވެ، އެއްޗެހި ދޮވެ އެފަދަ ކަންކަން ކުރާ ފިރިހެނުންނަކީ އަންހެންދުޅާ މީހުން ނޫންކަމުގެ މެސެޖު ގޭތެރެއިންވެސް ދައްކައި ދެއްވުމެވެ.
ސާމިޔާ އެފަދަ ޕޯސްޓެއް ކުރެއްވި މައިގަނޑު ސަބަބަކީ ބަޔެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި އެފަދަ ކަންކަމާބެހޭ ގޮތުން ފަތުރަމުންދާ ބަޔެއް ވާހަކަތަކުގެ ސަބަބުންނެވެ. ފިރިހެނުން ބަދިގެއަށް ވަދެ ކައްކައި ތަށިތެލި ދޮވެ، އެއްޗެހި ދޮވެ ހެދުމަކީ އަންހެންދުޅާވުން ކަމަށް މޭރުންވާ ގޮތަށް ބަޔެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ލިޔަމުންދާތީއެވެ. އެއީ އެކަން އޮތްގޮތް ނޫންކަން ދައްކުވައިދޭން މި ދެ ޢިލްމްވެރިންވެސް ބޭނުންފުޅުވީ ކަމަށް ވެދާނެއެވެ. އަދި އެކަމަށް ރައްދުގައި ބަސް ވިދާޅުވެ ކަމުގެ ހަގީގަތް ސާފުކޮށް ދިނުމަކީވެސް މުހިންމު ކަމެއްކަމެއް ކަމަށް ދެކެވަޑައިގަތީ ކަމުގައި ބެލެވެއެވެ.
އިސްލާމް ދީނުގައި އެފަދަ ކަންކަން އޮތްގޮތާއި ރަސޫލާގެ ޙަޔާތްޕުޅުން މިސާލު ގެންނެވިއެވެ. އަދި ރަސޫލާގެ އަނބިއަނބިކަނބަލުންގެ ވާހަކައިން މިސާލު ގެންނެވިއެވެ. އަނބިއަނބިކަނބަލުންނަށް އެހީތެރިވެވަޑައިގަތުމުގައި ރަސޫލާއަކީ އުންމަތަށް މިސާލު ދެއްކެވި ބޭކަލެއްކަމުގައި ވިދާޅުވިއެވެ. އިސްލާމް ދީނުގައި ފިރިން އަނބިންނަށް އެހީތެރިވުމުގައި އަމަލު ކުރަން އޮންނަ ގޮތް ސާފުކޮށް ދެއްވިއެވެ. އަދިވެސް ސާމިޔާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ފިރިމީހާއަކީވެސް ދީނީ ޢިލްމުވެރިއެކެވެ. އަދި މުޖުތަމަޢުގެ އެތައް ބަޔަކަށް ދީނުގެ މަޢުލޫމާތު ފޯރުކޮށް ދެއްވުމުގައި، ރެއާއި ދުވާލު މަސައްކަތް ކުރައްވައެވެ. އެހެނެއްކަމަކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވެ ދެއްވައެވެ. ބަދިގެއަށް ވަދެ ކައްކާ ދެއްވައެވެ. ތެލިތަށިވެސް ދޮވެދެއްވައެވެ. ފުޅިތަކަށް ފެންވެސް އަޅައިދެއްވައެވެ. ގޭތެރެ ސާފުކުރުމުގައި އިސްދައުރެއް އަދާކުރައްވައެވެ. ބާޒާރުވެސް ކޮށްދެއްވައެވެ. އަޅުގަނޑުމެން ގޭތެރޭގެ ކަންކަން ކުރަނީ ބަހަގެން އެންމެންގެ ހިއްސާ އޮންނަ ގޮތަށެވެ. ގޭގެ މަސައްކަތްތައް ކުރާކަށް ނޯކަރަކު ނުގެންގުޅެމެވެ." ސާމިޔާ ވިދާޅުވިއެވެ.
ސާމިޔާ ވިދާޅުވީ އަނބިމީހާއަކީ ފިރިމީހާގެ ނޯކަރެއްނޫން ކަމަށެވެ. އެއީ ފިރިމީހާގެ ޙަޔާތުގެ ބައިވެރިޔާ ކަމަށެވެ. ލޯބިވާ އަނބިމީހާ ކަމަށެވެ.
"ވީއިރު އަނބިމީހާއަށް އެހީތެރިވެދީ ގޭތެރޭގެ ކެއިންބުއިމާއި ސާފުކުރުމާއި، ދަރީންގެ ކަންކަމުގައި އެހީވެދިނުމަކީ އަންހެން ދުޅާވުން ކަމުގައި ވާނަމަ، ދެން ފިރިހެން ވަންތަކަމަކީ ކޮބައި ހެއްޔެވެ؟ އެއީ އަނބިމީހާ ކެއްކީމާ ކާލައިގެން ރަސްކަލެއް ހެން އުޅުން ހެއްޔެވެ؟ ފިރިމީހާ އަކީ ރަސްކަލެއް ނަމަ އަނބިމީހާއަކީ ރާނީއެވެ. އަނބިންނަކީ ތިމާމެންގެ ޢިއްޒަތެވެ. އެކަނަބލުންނަށް ލޯބިދީ އިޙްތިރާމް ކުރާށެވެ. އެމީހުންނަށް ހެޔޮކޮން ހިތާށެވެ. ކީރިތި ރަސޫލަާ صلي الله عليه وسلم ގެ އެންމެ ފަހުގެ ވަޞިއްޔަތަކީ ވެސް އަނބީންނަށް ހެޔޮކޮން ހިތުމަށް ކުރެއްވި ވަޞިއްޔަތެވެ. اللهم بارك لنا في أزواجنا وذرياتنا " އިތުރަށް ސާމިޔާ ވިދާޅުވިއެވެ.
ފިރިކަލުން ޑރ. މޫސާ އަންވަރު ބަދިގެއަށް ވަދެވަޑައިގެން ކައްކަން ހުންނެވި ހުންނެވުމާއި، އެ މަންޒަރު އާންމު ކުރެއްވުމަކީ ސާމިޔާ އާންމުންނަށް ދެއްވި ހެޔޮ މެސެޖެއްކަން އެނގެނީ އެކަމާއި ގުޅިގެން އާންމުން ސޯޝަލް މީޑިޔާގައި ފާޅުކޮށްފައި ހުރި ޕޮޒިޓިވް ކޮމެންޓު ތަކުންނެވެ. ހައްތަވާވެސް އެކަމަށް އޮތީ ތާއީދެެވެ. ތައުރީފެވެ. މާލާމާތެއް ނެތެވެ. ފުރައްސާރައެއް ނެތެވެ.