ޕާކިސްތާނާއި ރާއްޖޭގެ މަސްލަހަތު ހިމެނޭ ދާއިރާ ތަކުން މިހާރަށްވުރެވެސް ގުޅުން ހަރުދަނާ ކުރަން ރާއްޖޭން މަސައްކަތް ކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، "ޕާކިސްތާން ޑޭ" ގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތަހުނިޔާ އާއި ހެޔޮއެދުން ފޮނުއްވި މެސެޖެއްގައެވެ.
ޕާކިސްތާނުގެ ރައީސަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުންވި ސިޓީފުޅުގައި ރައީސް ވަނީ، ދެ ޤައުމުގެ ޒަމާންވީ އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނޭ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެއިތުރުން، ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްޙަތާއި އުފާވެރިކަމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުން މިންވަރުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
"ޕާކިސްތާން ޑޭ" ފާހަގަކުރަނީ، އެ ޤައުމުން އިސްލާމީ ޖުމްހޫރިއްޔަތަކަށް ވާސިލުވުމަށް ކުރި ދަތުރުގެ ތެރެއިން، ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީ އެއް ފާސްކޮށް ޢަމަލުކުރަން ފެށުން އިހުތިފާލުކުރުމުގެ ގޮތުންނެވެ.