ފަލ؛ަސްތީނުގެ އެއްވެސް ރައްޔިތަކަށް ޣައްޒާގައި ތިބުމުގެ އެއްވެސް ފުރުޞަތެއް ނުދޭނެ ކަމަށާއި އޮތް ހަމައެކަނި ފުރުޞަތަކީ ޣައްޒާއިން ނުކުމެ އެހެން ތަނެއްގައި ހިޖުރަ ކުރުން ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު އިސްހާގް ކާޓްސް ބުނެފިއެވެ.
އެ ގައުމުގެ ދިފާއީ ވަޒީރު އިސްހާގް ކާޓްސް ރޭޑިޔޯ މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދިން މެސެޖެއްގައި ބުނީ، ސަލާމަތްތެރިކަމާއެކު ޣައްޒާއިން ބޭރުވުމުގެ ފުރުޞަތު ލިބޭ ފަލަސްތީނު ރައްޔިތުންނަށްވެސް އެ ފުރުޞަތު ލިބޭނީ ޝަރުތެއްގެ މަތިން ކަމަށެވެ. އެއީ ހަމާސް ޖަމާއަތުގެ އަތްދަށުގައި ހައްޔަރުގައިވާ އިޒްރޭލު ރައްޔިތުން ސަލާމަތް ކުރުމުގައި އިޒްރޭލަށް އެހީތެރިވުމާއި ހަމާސް ޖަމާއަތް ނައްތާލަން އިޒްރޭލަށް އެހީތެރިވުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އޭނާ ބުނީ ފަލަސްތީނުގެ އެއްވެސް ރައްޔިތަކަށް ޣައްޒާގައި ދިރިއުޅުމުގެ ފުރުޞަތެއް ނެތް ކަމަށެވެ. ދެވެން އޮތް ހަމައެކަނި ފުރުޞަތަކީ ޣައްޒާއިން ބޭރުވެ ހިޖުރަ ކުރުން ކަމަށެވެ. އެނޫން އެއްވެސް ގޮތެއް މިފަހަރު ނެތް ކަމަށް އޭނާ ބުންޏެވެ.
"ޣައްޒާގެ އެއްވެސް ރައްޔިތަކު ޣައްޒާގައި އެ މީހުންނަށް މުސްތަގްބަލް އޮތްކަމަށް ގަބޫލުކޮށްގެން ނުވާނެ. ފުރުސަތު ދިނަސް ދެވެނީ ހަމައެކަނި ޣައްޒާއިން ބޭރުވުމުގެ ފުރުސަތު" އޭނާ ބުންޏެވެ.
އިޒްރޭލުން ދެމުން ގެންދާ ވަރުގަދަ ވައިގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 500 އާއި ގާތް ކުރާނެ ކަމަށް ބެލެވެއެވެ. އަދި އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމް ވެފައެވެ. އިޒްރޭލުން ދަނީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ފޭލިގެ ތަކަށްވެސް ހަމަލާދެމުންނެވެ.