މިހާރު އޮތް ރައީސް ޑރ. މުޙަންމަދު މުއިއްޒުގެ ސަރުކާރަކީ "އިޒްރޭލުގެ ސަރުކާރެކޭ އެއްވަރަށް" އަނިޔާވެރި ސަރުކާރެއް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުގެ ސަރުކާރުން ދޫކުރި ހަތަރުހާސް ފްލެޓް، މި ސަރުކާރުން ދޫކުރިގޮތާމެދު ފާޑުވިދާޅުވެ މިރޭ ޝާހިދު ސޯޝަލްމީޑިޔާގައި ޙިއްސާ ކުރެއްވި ވީޑިޔޯ މެސެޖެއްގައި ވިދާޅުވީ، ކުރީގެ ސަރުކާރުން ދޫކުރި ހަތަރުހާސް ފްލެޓް އެފަރާތްތަކުގެ ކިބައިން ނިގުޅައިގަނެ، ދިވެހި ރައްޔިތުންތަކެއް މަގުމަތި ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މިއަދުގެ ސަރުކާރަކީ އިޒްރޭލުގެ ސަރުކާރެކޭ އެއްވަރަށް އަނިޔާވެރި ސަރުކާރެއް ކަމުގައި މިއޮތީ ފެންނަން. މިއީ ބަރަކާތްތެރި ރޯދަމަސް. މި ބަރަކާތްތެރި ރޯދަމަހު ރައްޔިތުންގެ ބޯހިޔާވަހިކަން އެ ނިގުޅައިގެންފައި ވަނީ. އެ ރައްޔިތުންނަށް ލިބިފައިވާ ބޯހިޔާވަހިކަން ގަދަބާރުން، ބާރުގެ ބޭނުންކޮށްގެން މަގުމަތިކޮށްލީ. އެކަމެއް ނުކުރެވޭނެ." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ ށ. ގައި ބުނެފައި ވަނީ މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނެ އެއްޗެއްނޫން ކަމަށާއި، އާންމު ވެގެންވާ ފައިދާއަކަށްޓަކައި އެކަން ކުރަން ޖެހިއްޖެ ޙާލަތެއްގައިވެސް އެކަން ކުރެވޭނީ ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ކޯޓުގެ ޙުކުމަކުން އަދުލުވެރި ބަދަލެއް ދިނުމަށްފަހު ކަމަށް ޤާނޫނުއަސާސީގައި ބުނެފައިވާ ކަމަށެވެ.
"ހަތަރުހާސް ފްލެޓުގެ ހައްގުވެރިން ސަރުކާރުން (ކުރީގެ ސަރުކާރުން) ވަނީ ކަނޑައަޅުއްވާފަ. އެއީ އެ ހަތަރުހާސް ރައްޔިތުންގެ ހައްގެއް. އެ ހައްގު ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައި އެބައޮތް. އެ ނިގުޅައެއް ނުގަނެވޭނެ. އަޅުގަނޑުމެންނަށް މިހާރު މިފެނިގެންދަނީ އިޒްރޭލުން އަމަލުކުރާ ގޮތަށް، އިޒްރޭލުގެ ސަރުކާރުން އަމަލު ކުރަމުން ގެންދާގޮތަށް އަޅުގަނޑުމެންގެ ރައްޔިތުންގެ ހަތަރުހާސް މީހުންގެ ހައްގުތައް، އެމީހުންގެ ބޯހިޔާވަހިކަން، އެމީހުންގެ ގެދޮރު ނިގުޅައިގަތީ. ރަމަޞާން މަހާދިމާކޮށް، ރަމަޟާން މަހަށް ހަނދު ބެލި ރޭ، އިޒްރޭލުގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނާ ދޭތެރޭ އަމަލުކުރާ ގޮތަށް އަޅުގަނޑުމެންގެ ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން ހަތަރުހާސް މީހުންގެ ފްލެޓް އެ ނިގުޅައިގަތީ. އެއީކީ ކުރެވޭނެ ކަމެއްނޫން. " ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ ޤާނޫނީ އިމުގެތެރެއަށް ސަރުކާރުން އެނބުރި އައުމަށްވެސް ގޮވާލައްވާފައެވެ.
"ޤާނޫނުއަސާސީގެ އިމުގެތެރެއަށް ސަރުކާރުން އެނބުރި ވަޑައިގަތުމަށް އަޅުގަނޑު ގޮވާލަން." ޝާހިދުގެ މެސެޖުގައި ވިދާޅުވިއެވެ.
ޝާހިދު މިފަދައިން ވިދާޅުވިއިރު، ފްލެޓް ލިސްޓު ސަރުކާރުން ނެރުނު ފަހުން އެމްޑީޕީންވެސް ދަނީ ކޮންމެ ރެޔަކު ފްލެޓް ތަކުގެ މައްސަލައިގައި މާލޭގައި ސިލްސިލާ މުޒާހަރާތަކެއްވެސް ކުރަމުންނެވެ.