ސަރުކާރުން ދައްކާ ބިރަކަށް އަދި ފިއްތާ ފިއްތުން ތަކަކަށް އެމްޑީޕީ ނުސިހޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިބޫ މިފަދައިން ވިދާޅުވީ އެމްޑީޕީގެ އަންހެން އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބޭރު (މަންދީ) އަށް ކަޅު ތެލުން ހަމަލާދިނުމާއި ގުޅިގެން އެކަން ކުށްވެރި ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިބޫ ވިދާޅުވީ މަންދީއަކީ އެމްޑީޕީގެ ޚިދުމަތްތެރި އަންހެނެއް ކަމަށާއި، މަންދީ ގަޔަށް ކަޅުތެޔޮ ޖެހުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެއީ ވަރަށް ފިނޑި އަމަލެއް ކަމަށާއި ރައްޔިތުންގެ އަޑު ކަނޑުވާލައި ސަރުކާރުގެ ދޯދިޔާ ސިޔާސަތަށް ފާޑުކިޔާ އެންމެންނަށް ބިރު ދެއްކުމަށް ހިންގި އަމަލެއް ކަމަށެވެ.
"މިކަހަލަ ބިރުދެއްކުމާއި ފިއްތުންތަކަށް އެމްޑީޕީއެއް ނުސިހޭނެ، އަދި ރައްޔިތުންގެ ހައްޤުގައި އެމްޑީޕީން ކުރިއަށް ގެންދާ ސުލްޙަވެރި ސިޔާސީ ހަރަކާތްތައް ފަހަތަށް ނުޖެހި ކުރިއަށްދާނެ." އިބޫ ވިދާޅުވިއެވެ.
އިބޫ މިފަދައިން ވިދާޅުވިއިރު، އެމްޑީޕީން މިހާރު ކޮންމެ ރެޔަކު ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގައި ބައިވެރިވާ ވަރަށްގިނަ މީހުން މިހާރު ދަނީ ފުލުސް އޮފީހަށް ހާޒިރު ކުރަމުންނެވެ. އެމީހުން ފުލުސް އޮފީހަށް ހާޒިރު ކުރަނީ ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނާ ޚިލާފުވެ، މަހުމަތީގައި ދުއްވާ މީހުންނާއި ހިނގާ މީހުންނަށް އުނދަގޫވާގޮތަށް އަމަލުކޮށް، ފުލުހުންގެ އަމުރަށް ތަބާނުވުމުގެ ތުހުމަތުގައެވެ.