ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމުގެ ނިޔަތެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނެތް ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިފަދައިން ވިދާޅުވީ "އަދަދު" ނޫހުގެ އެޑިޓަރު ހުސެއިން ފިޔާޒު މޫސާއަށް ރައީސް މުއިއްޒު ފޯނު ކުރައްވައި އިންޒާރު ދެއްވި ކަމަށްބުނެ "އަދަދު" ނޫހުން ނެރެފައިވާ ބަޔާނެއް އެކްސްގައި ޙިއްސާ ކުރައްވައެވެ.
ޝާހިދު ވިދާޅުވީ ނޫސްވެރިއަކަށް، ރައީސް މުއިއްޒު އިންޒާރު ދެއްވުމުން ލިބިވަޑަައިގެންނެވީ ސިހުމެއް ކަމަށެވެ.
"މިކަމުން އެނގެނީ ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ސަރުކާރުގައި ރައްޔިތުންނާމެދު އެއްވެސް އިހުތިރާމެއް ނެތްކަން. އަދި ޑިމޮކްރަސީގެ ހަމަތަކަށް އިހުތިރާމްކޮށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ނިޔަތެއް ނެތްކަން” ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިނިވަން މީޑިޔާ މިހާރު އޮތީ ނުރައްކަލެއްގައި ކަމަށެވެ. އަދި މިނިވަން މީޑިޔާގެ އިތުރުން އެތަކެއް ބުރަ މަސައްކަތުން ކަށަވަރުވި ޑިމޮކްރަޓިކް އުސޫލުތަކާއި ހަމަތައްވެސް މިހާރު ވަނީ ނުރައްކަލެއްގައި ކަމަށެވެ. މީގެއިތުރުން މިނިވަން ނޫސްވެެރިކަމުގެ އިންޑެކްސްގައި ރާއްޖެ މިހާރު އޮތީ ލަދުގަންނަންޖެހޭ ހިސާބެއްގައި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.