އުމްރާއަށް މީހުން ގެންދިއުމުގައި ގަވައިދާ ޚިލާފު ވެގެން ވަރަށް ފަހުންވެސް ބަޔެއް ޖަމާއަތް ތަކުގެ ހުއްދަ ބާތިލު ކޮށްފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙަންމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ޝަހީމް މިއަދު ވިދާޅުވީ، އުމްރާއަށް މީހުން ގެންދިއުމުގައި ގަވައިދާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު މިނިސްޓްރީން އަޅަމުން އަންނަ ކަމަށެވެ.
"އުމްރާއަށް މީހުން ގެންދިއުމުގެ ޤަވާޢިދާ ޚިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ. މިފަހުންވެސް ޖަމާޢަތްތަކެއްގެ ހުއްދަ ބާޠިލްކޮށް ފިޔަވަޅު އަޅާފައިވާނެ" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މިހާރު ފެންމަތި ވެގެންއުޅޭ، އަސްކޮއި ޖަމާއަތުގެ މައްސަލަވެސް މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
"އަސްކޮއި ޖަމާޢާތުގެ މައްސަލަ ވަނީ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފަ. ކަމާ ބެހޭ ޔުނިޓްގެ ފަރާތުން ދަނީ މައްސަލަ ބަލަމުން." ޝަހީމް ވިދާޅުވިއެވެ.
އަސްކޮއި ޖަމާއަތާއި ގުޅިގެން ފެންމަތި ވެގެން އުޅޭ މައްސަލައަކީ އާއިލާއަކުން ރަމަޞާން މަހުގެ އުމްރާއަށް ފައިސާ ދައްކައި ނިންމާފައި ވަނިކޮށް، އެމީހުންނަށް އުމްރާއަށް ދެވެން ނެތް ކަމަށް އަސްކޮއި ޖަމާއަތުން އެންގި ކަމަށްބުނާ މައްސަލައެވެ.